Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ޑަންކީ" މިހާރު ނެޓްފްލިކްސް އިން ބެލޭނެ

މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި ޝާހްރުކް ޚާންގެ "ޑަންކީ" ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.

ޑިސެމްބަރު 21 ގައި ރިލީޒްކޮށް، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު މި ފިލްމަކީ ހިޖުރަކުރުމާ ގުޅޭ ގޮތުން ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ގެނެސްދިން ކޮމެޑީ ޑްރާމާއެކެވެ. ޖުމްލަ 120 ކްރޯޑް ރުޕީސް (14.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ޑަންކީ" އަށް ބޮކްސް އޮފީހުގައި 470.6 ކްރޯޑް ރުޕީސް (58 މިލިއަން ޑޮލަރު) ލިބުނެވެ.

މީގެ ކާސްޓްގައި ތާޕްސީ ޕައްނޫ، ވިކީ ކޯޝަލް އަދި ބޮމަން އިރާނީ ހިމެނެ އެވެ.

"ޑަންކީ" އަކީ މިދިޔަ އަހަރު ރިލީޒްވި ޝާހްރުކްގެ ތިން ފިލްމުގެ ތެރެއިން ފަހު ފިލްމެވެ. އޭނަގެ މިދިޔަ އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން "ޕަތާން" އެވެ. އަދި ދެވަނަ ފިލްމަކީ ސެޕްޓެމްބަރުގައި ރިލީޒްކުރި "ޖަވާން" އެވެ. ބޮޑު ކާމިޔާބީއެއް ހޯދި ދެ މި ފިލްމަކީ ވެސް އެކްޝަން ތުރިލާތަކެވެ.