Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ޝުގާ ބަންޑިތުސް" ގައި ވިލް ސުމިތު

އިރާގު ހަނގުރާމައާ ގުޅުވައިގެން "ޝުގާ ބަންޑިތުސް" ގެ ނަމުގައި ހަދަން ނިންމާފައިވާ އެކްޝަން ތުރިލާއަކަށް ހޮލީވުޑްގެ މަޝްހޫރު ތަރި ވިލް ސުމިތު ސޮއިކޮށްފި އެވެ.

ވެރައިޓީން ބުނީ އޭނަ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ މި ފިލްމަކީ ލިޔުންތެރިޔާ ޗަކް ހޯގަންގެ 2010 ގެ ފޮތް "ޑެވިލްސް އިން އެގްޒައިލް" އަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. އަދި މީގެ ސްކްރީންޕްލޭ ވެސް ލިޔެފައި ވަނީ ލިޔުންތެރިޔާ އެވެ.

ނަމަވެސް "ޝުގާ ބަންޑިތުސް" ޑައިރެކްޓްކުރާނެ މީހަކާއި މީގެ އިތުރު ކާސްޓުންނާއި ފިލްމުގެ ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ވިލް ސުމިތުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ ތާރީހީ އެކްޝަން ތުރިލާ "އިމަންސިޕޭޝަން" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ބޭޑް ބޯއިސް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމެވެ. އެ ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖޫން 14 ގަ އެވެ.