Last Updated: July 17, 10:59
Friday, July 17, 2026
ދުނިޔެ

ސޯޝަލް މީޑިއާ ކުންފުނިތަކަށް ދައުވާކޮށްފި

ނިއު ޔޯކްގެ މޭޔަރު އެރިކް.

ގަސްތުގައި ޒުވާނުން ނަފުސާނީ މައްސަލަތަކުގެ ތެރެއަށް ވައްޓާލުމުގެ ނިޔަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ ކަމަށް ބުނެ އެފަދަ ކުންފުނިތަކަށް ނިއު ޔޯކުން ދައުވާކޮށްފި އެވެ.

އެ ސިޓީގެ މޭޔަރު އެޑަމް އެރިކް އިސްކޮށް ހުންނަވައިގެން މި މައްސަލަ ކެލިފޯނިއާ ސުޕީރިއާ ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.

ޒުވާނުންނަށް ނަފުސާނީ ބޮޑު މަލިޑުކަމެއްގެ ތެރެއަށް ވައްޓާލައި އެ މީހުން އެފަދަ އެއްޗިއްސަށް ދެވިހިފުވަން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބައްޓަންކޮށްފައިވާ ކަމަށް ބުނެ ދައުވާކުރި ކުންފުނިތަކުގެ ތެރޭގައި ފޭސްބުކާއި އިންސްޓަގްރާމް ހިންގަމުން އަންނަ މެޓަ އާއި ޔޫޓިބް ހިންގަމުން އަންނަ ގޫގުލް އާއި ޓިކްޓޮކް ހިންގަމުން އަންނަ ބައިޓްޑާންސްގެ އިތުރުން ސްނެޕްޗެޓް ހިމެނެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ދައުވާކުރަން ނިންމުމާ ގުޅޭ ގޮތުން މޭޔަރު އެރިކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ސޯޝަލް މީޑިއާގެ ދަންތުރައިގައި އެތަކެއް ޒުވާނުންނާއި ކުޑަކުދިން ޖެހި، އެ މީހުން އެފަދަ އެއްޗެހީގެ ތެރޭގައި ހަލާކުވަމުންދާ ކަމަށެވެ. އަދި އެފަދަ ފްލެޓްފޯމްތައް ބައްޓަންކޮށްއި ހުންނަނީ ވެސް ގަސްތުގައި އެ އެއްޗިއްސަށް ދެވި ހިފާ ގޮތަށް ކަމަށާއި އެފަދަ އެއްޗެހީގައި ހިމެނޭ ކޮންޓެންޓްތަކުގެ ސަބަބުން ޒުވާނުންނާއި ކުޑަކުދިންނަށް ނަފުސާނި އެތައް މައްސަލަތަކަކާ މިހާރު ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް މި ފަހަކަށް މި ތުހުމަތުކުރެވޭލެއް ވަރަށް ގިނަ އެވެ. ނަމަވެސް ގިނަ ޕްލެޓްފޯމްތަކުން ދިފާއުގައި ގިނަ ބަހަނާތަކެއް ވެސް ދައްކަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ މީގެ ކުރިން ވެސް އެކިއެކި ޕްލެޓްފޯމްތަކަށް މިފަދަ މައްސަލަތަކުގައި ދައުވާކޮށްފައިވާކަމެވެ.