ވަރަށް އަވަހަށް ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް މާލެ ސަރަޙައްދުގައި ޤާއިމްކުރައްވާނެ ކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ތިން ވަނަ ޤައުމީ ތެލެސީމިއާ ކޮންފަރެންސް ފާހަގަކުރުމަށް ޝީ ބިލްޑިންގގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބުރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެ ހޮސްޕިޓަލް އިމާރާތްކުރުމަށް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
ނައިބުރައީސް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަސައްކަތްތަކުގެ ތެރޭގައިވެސް ތެލަސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއްދެއްވައި އެކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ހިލޭ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަން މިހާރު ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ތެލަސީމިއާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ. ނައިބުރައިސް ވަނީ ތެލަސީމިއާ ކުދިންނަށް މި ސަރުކާރުން ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުގެ ވުޒާރާތަކުން އެކި ގޮތްގޮތުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.