Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

މަޖިލިސް ގަވައިދާ ގުޅޭ މައްސަލަ މި މަހު 25 ގައި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ބަންޑާރަނައިބުގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ބަންޑާރަނައިބުގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ އަޑުއެހުން ފެށުމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:45 ގައެވެ.

މި މައްސަލައާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން މީގެކުރިން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ (ކ)، (އ) އަދި (ވ) ގައި، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް ދީފައިވާ މާނަކުރުމަކީ ޤާނޫނޫއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމަކީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ މަޖިލީހުގެ ޖުމްލަ އަދަދާ ޚިލާފު މާނަކުރުމެއް ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ. އަދި މިއީ ޤާނޫނުއަސާސީގެ މާއްދާތަކާ ތައާރުޟުވާ މާނަކުރުމެއް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުންވަނީ ފެބްރުއަރީ 8 ވަނަ ދުވަހު ވަގުތީ އަމުރެއްވެސް ނެރެފައެވެ. އެގޮތުން ވަގުތީ އަމުރުގައިވަނީ އެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމަންދެން ގެނެސްފައިވާ އިސްލާހަށް އަމަލުނުކުރުމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް އަމަލުނުކުރުމަށް ފާސްކޮށްފައެވެ.