Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ޔޫއޭއީ ދަތުރަށް ފަހު ރައީސް މާލެ ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

އެކުވެރި އަރަބި އިމާރާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒުވަނީ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ތަޤުރީރުކުރައްވާފައެވެ. އެގޮތުން ރައީސް ވަނީ ރާއްޖެއިން ކުރިމަގުގައި ހާސިލުކުރަން ބޭނުންވާ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ތަސައްވުރު އިއުލާން ކުރައްވާފައެވެ.

މީގެ އިތުރުން ޔޫއޭއީގައި ވަނީ "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ" ބާއްވާފައެވެ. މި ފޯރަމްގައި ވެސް ރައީސް މުއިއްޒުވަނީ ތަޤްރީރު ކުރައްވާފައެވެ. މި ފޯރަމްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެދާއިރާ ކުރިއަރައިދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އެޤައުމުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" އިފްތިތާހު ކޮށްދެއްވާފައެވެ.