Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ގުޅީފަޅު ހިއްކޭނެ ކަމަށް އަމުރެއް ނެރެފި

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުވައި ހައިކޯޓުން ނެރުނު އަމުރު ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފިއެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުވުމުގެ އަމުރެއް ހައިކޯޓުން ނެރެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ބަންޑާރަނައިބުގެ އޮފީހުން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިއަދުއެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ނެރުއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރުގައި ބުނެފައިވަނީ، ހައިކޯޓުގެ ގަޟިއްޔާއިން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން މިވަގުތަށް ފަސްނުކޮށްފިނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެންދިއުމުގެ އިހްތިމާލު ފާޅުކަން ބޮޑުކޮށް ފެންނަން އޮންނަކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގަންދެން ނުވަތަ މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން، ހައިކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފައިވެއެވެ.

ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ނިންމާފައިވާ ގުޅީފަޅު މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމަރެއް ހައިކޯޓުން ނެރެފައިވަނީ، އެތަން ހިއްކަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ތިމާވެށީގެ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.