Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ހިލްޓަން ހޮޓެލްސްގެ އެމްބެސެޑަރަކަށް ދީޕިކާ

ރާއްޖޭގައި ވެސް ރިސޯޓްތަކެއް ހިންގަމުން އަންނަ މަޝްހޫރު ހޮސްޕިޓާލިޓީ ކުންފުނި، ހިލްޓަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ބްރޭންޑް އެމްބެސެޑަރަކަށް އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ހަމަޖައްސައިފި އެވެ.

މިއާ އެކީ އިންޑިއާގައި ހިންގަމުން އަންނަ ހިލްޓަންގެ ތަންތަން ޕްރޮމޯޓްކުރަން ދީޕިކާގެ ބޭނުން ހިފާނެ އެވެ. މިކަން އެ ކުންފުނިން ކުރިއަށް ގެންދާނީ 2022 ގައި ލޯންޗްކޮށްފައި އޮތް ކެމްޕޭން "ހިލްޓަން. ފޯ ދަ ސްޓޭ" ގެ ދަށުންނެވެ.

ހިލްޓަންގެ އެމްބެސެޑަރަކަށް ދީޕިކާ ހަމަޖެއްސުމާ ގުޅޭ ގޮތުން އެ ކުންފުނީގެ ޗީފް މާކެޓިން އޮފިސަރު މާކް ވެއިންސްޓީން ވިދާޅުވީ ދީޕިކާ އަކީ ވަރަށް ނުފޫޒު ގަދަ ބަތަލާއަކަށްވާތީ އޭނަގެ އެހީގައި ހިލްޓަން އިންޑިއާގައި ޕްރޮމޯޓްކުރަން ކުރެވޭ މަސައްކަތަކީ ވަރަށް ކާމިޔާބު ކަމަކަށް ވާނެ ކަމަށެވެ.

މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ދީޕިކާ ބުނީ ހިލްޓަން ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑަކާ އެކީ މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ހިލްޓަން އަކީ އޭނަ ވެސް ޗުއްޓީއަކަށް ނުވަތަ އަރާމުކޮށްލަން ކުރާ ދަތުރުތަކުގައި ވަރަށް ބޮޑު ހިއްސާއެއް ކަމަށް ބުންޏެވެ.

ހިލްޓަންގެ 25 ޕްރޮޕަޓީއެއް އިންޑިއާގައި މިހާރު ހިންގަމުން އަންނަ އިރު، އިތުރު 17 ޕްރޮޕަޓީއެއްގެ މަސައްކަތް ކުރިއަށްދެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި މިދިޔަ މަހު ރިލީޒްކުރި "ފައިޓާ" ގެ ބަތަލާ، ދީޕިކާ އަކީ މިހާރު ވެސް ދުނިޔޭގެ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ އެމްބެސެޑަރެކެވެ. އޭގެ ތެރޭގައި ގަތަރު އެއާވޭސް އާއި ފްރާންސްގެ ފެޝަން ބްރޭންޑް ލުއީ ވިޓޯންގެ އިތުރުން ފްރާންސްގެ ގަހަނާ ބްރޭންޑް ކާޓިއޭ ހިމެނެ އެވެ.