Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ސްލަމްޑޯގް މިލިއަނާ" ދޫކޮށްލިން: ޝާހްރުކް

އޮސްކާ ހޯދި ހޮލީވުޑްގެ މަގުބޫލު ފިލްމު "ސްލަމްޑޯގް މިލިއަނާ" ގެ ރޯލެއް ހުށަހެޅި ކަމަށް ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ބުނެފި އެވެ.

ދުބާއީގައި ބޭއްވި "ވޯލްޑް ގަރަމަންޓް ސަމިޓް" ގައި ސީއެންއެންގެ ރިޗަޑް ކްއެސްޓާ އެކީ ކުރިއަށް ގެންދިޔަ ސެޝަނެއްގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 58 އަހަރުގެ އެކްޓަރު ބުނީ އިނގިރޭސި ޑައިރެކްޓަރު ޑެނީ ބޯއިލް ޑައިރެކްޓްކުރި 2008 ގެ "ސްލަމްޑޯގް މިލިއަނާ" އިން އޭނަ އަށް ހުށަހެޅީ ޓީވީ ހޯސްޓެއްގެ ރޯލު ކަމަށެވެ.

އެއީ އެ ފިލްމުގައި އަނިލް ކަޕޫރް ކުޅުނު ޓީވީ ހޯސްޓެއްގެ ރޯލެވެ. އެ ރޯލަކީ "ހޫ ވޯންޓްސް ޓު ބީ މިލިއަނާ؟" ގެ ހިންދީ ވާޝަން "ކޯން ބަނޭގީ ކަރޯޑްޕަތީ" ގެ ހޯސްޓެއްގެ ރޯލެވެ. ޝާހްރުކް ބުނީ އޭނަ އަށް "ސްލަމްޑޯމް މިލިއަނާ" ހުށަހެޅީ ސްޓާ ޕްލަސް އަށް އެ ޝޯ އޭނަ ހޯސްޓްކުރަމުން ދިޔަ ދުވަސްވަރު ކަމަށެވެ.

އެހެންވެ އެ ފުރުސަތު ބޭނުން ނުހިފުނީ ކަމަށް ބުންޏެވެ. އަދި ޑައިރެކްޓަރު ބޯއިލް އަކީ ވަރަށް ގާތް މީހެއް ކަމަށް ވެސް ބުންޏެވެ.

އިންޑިއާގެ ވާހަކައެއް ކިޔައިދިން "ސްލަމްޑޯގް މިލިއަނާ" އަކީ 8 އޮސްކާ އެވޯޑް ހޯދި ފިލްމެކެވެ. އޭގެ ތެރޭގައި މޮޅު ފިލްމާއި މޮޅު ޑައިރެކްޓަރުގެ އިތުރުން މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އެވޯޑް ހިމެނެ އެވެ.

ކްއެސްޓްއާ ވާހަކަ ދައްކަމުން ޝާހްރުކް ބުނީ އޭނަ އަށް މިހާތަނަށް ބޭރުގެ އެއްވެސް ފިލްމަކުން ކަމުދާ ކަހަލަ ރޯލެއް އޮފާކޮށްފައި ނުވާ ކަމަށެވެ. އަދި ކޮންމެހެން ބޭރުގެ ފިލްމެއް ކުޅެން ބޭނުންވެގެން ނޫޅޭ ކަމަށާއި އޭނަގެ ބޮލީވުޑްގެ މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހިގެން ހުރި ކަމަށް ބުންޏެވެ.

ޝާހްރުކަކީ މިދިޔަ އަހަރު ވަރުގަދަ ތިން ބްލޮކްބަސްޓާ ވެސް ގެނެސްދިން ތަރިއެކެވެ. އެއީ "ޕަތާން"، "ޖަވާން" އަދި "ޑަންކީ" އެވެ.