ރާއްޖޭގެ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް…" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ އެޕްރީލް މަހުގެ 12 ގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ މި ފިލްމު ރަސްމީކޮށް ލޯންޗްކުރަން ރޭ ވަނީ ޓްރެއިލާގެ އިތުރުން ފިލްމުގެ ޕޯސްޓަރާއި ވީޑިއޯ ލަވައަކާއި ފިލްމުގެ ބައެއް ލަވަތައް ވެސް އާންމުކޮށްފަ އެވެ.
"ލަސްވިޔަސް…" އަކީ ޓެޑްރީ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭނެ އެއްޗެކެވެ. ކެންސަރާ ހަނގުރާމަކުރާ ކުޑަ އަންހެން ކުއްޖެއްގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައިދޭނެ މި ފިލްމުގެ ކާސްޓުންގެ ތެރެއިން މުހިއްމު އެކަކީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ އާނަންދު، ވާޝިޔާ މުހައްމަދު، ރީކޯ މޫސާ މަނިކު އަދި ކުރީގެ ބަތަލާ ފައުޒިއްޔާ ހަސަން ހިމެނެ އެވެ.
ޓެޑްރީގެ ދެވަނަ ފިލްމެއް މި ގެނެސްދެނީ 30 އަހަރު ފަހުންނެވެ. އޭނަ ޑައިރެކްޓްކުރި ފުރަތަމަ ފިލްމަކީ 1994 ގެ "ދެރިޔާ" އެވެ.