Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ލޮލުރޯގާ އިތުރުވާތީ ސަމާލުވާން އެދިއްޖެ

ލޮލުރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.

އެތަނުން ބުނީ މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާ އިރު މިދިޔަ މަހުން ފެށިގެން މަހު ލޮލު ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން ހދ، ރ، ލ އަދި ގދ އަތޮޅުގައި ލޮލުރޯގާ އިތުރުކަން އެޗްޕީއޭ އިން ފާހަގަކުރި އެވެ.

އެހެންވެ މި ބަލި ފެތުރުން މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށް އެތަނުން ބުންޏެވެ.

ލޮލުރޯގާގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ލޯ ހިރުވުމާއި ލޮލުން ފެންއައުމާއި ލޮލުގައި މަޑުހެދުމާއި ލޯ ރަތްވުން ފަދަ ކަންކަން ހިމެނެ އެވެ.

އަދި ބަލިން ރައްކާތެެރިވުމަށް ކިރެވިދާނެ ކަންކަމުގެ ތެރޭގައި ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުމާއި އާންމުކޮށް އަތްލައި ތަކެއްޗާއި ތަންތަން ސާފުކުރުމާއި ލޮލުގައި އަތްލުމާއި އަތް އުނގުޅުމުން ދުރުހެލިވުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމާއި ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުން ކުރާ ބޭސްފުޅި ބޭނުން ނުކުރުން ހިމެނެ އެވެ.

ހަމަމިއާ އެކީ ލޮލުރޯގާ ޖެހިއްޖެ ނަމަ ނުވަތަ ޖެހިއްޖެ ކަމަށް ޝައްކު ކުރެވޭ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.