ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި މަރުވެއްޖެ އެވެ.
ރަޝިއާގެ ޖަލުތަކާ ބެހޭ އިދާރާ އިން ބުނީ ޖަލުގެ ތެރޭގައި ހިނގަނިކޮށް ކުއްލި ގޮތަކަށް ނަވަލްނީ ބަލިވެ ހޭނުތުނު ކަމަށެވެ. އެއާއެކު ވަގުތުން އިމަޖެންސީ މެޑިކަލް ޓީމުގެ އެހީ އަށް އެދުނު ކަމަށާއި އެޓީމުން ނަވަލްނީގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުވާ ގޮތް ނުވި ކަމަށް ބުނެފައިވެ އެވެ.
ނަވަލްނީ މަރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އަދި މި މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ ދެކޮޅަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔަމުންދިޔަ ނަވަލްނީ ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ވިހަވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ޖަރުމަނުގައި ވެސް ފަރުވާ ހޯއްދަވާފަ އެވެ. ފަރުވާ އަށް ފަހު 2021 ވަނަ އަހަރު ޖަރުމަނުން ރަޝިއާ އަށް އައުމާއެކު ނަވްލާނީ ހައްޔަރުކޮށް ވަނީ ޖަލަށްލާފަ އެވެ.
އަދި 2022 ވަނަ އަހަރުގެ ތެރޭގައި ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ނަވަލްނީގެ މައްޗަށް ވަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ހަރުކަށި ފިކުރާ ގުޅޭ ދައުވާތަކެއްގައި ނަވަލްނީގެ މައްޗަށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ 19 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ.