ދެހާސް ބާވީހުގައި އިއުލާންކުރި "އިޝްގް ވިޝްގް 2" މި އަހަރުގެ ޖޫން 28 ގައި ގެނެސްދޭން ނިންމައިފި އެވެ.
މި ފިލްމެ އެންމެ ހާއްސަވާ އެެއް ސަބަބަކީ މަޝްހޫރު އެކްޓަރު، ރިތިކް ރޯޝަންއާ ދެބޭންގެ ދެދަރި ޕަޝްމީނާ ރޯޝަން ބޮލީވުޑަށް ތައާރަފުކުރާ ފިލްމަށްވުމެވެ. އޭނަ އަކީ ރިތިކްގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ކޮއްކޮ، މިއުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަންގެ ދަރިއެކެވެ.
"އިޝްގް ވިޝްގް ރީބައުންޑް" ގެ ނަން ދިފައިވާ ފިލްމުގެ ކާސްޓްގައި ރޯހިތު ސަރަފާއި ޖިބްރާން ޚާންގެ އިތުރުން ނައިނާ ގަރެވާލް ހިމެނެ އެވެ. ޖިބްރާނަކީ 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" ގައި ޝާހްރުކް ޚާނާއި ކާޖޮލްގެ ދަރިފުޅުގެ ރޯލު ކުޅުނު އެކްޓަރެވެ.
ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "އިޝްގް ވިޝްގް ރީބައުންޑް" އަކީ ޝާހިދު ކަޕޫރް 2003 ގައި ބޮލީވުޑަށް ތައާރަފުކުރި "އިޝްގް ވިޝްގް" ގެ ސީކްއެލް އެވެ. އެކަމަކު އާ ފިލްމުގެ ކާސްޓްގައި ކުރީގެ އެއްވެސް ކާސްޓެއް ނެތެވެ. ކެން ގޯޝް ޑައިރެކްޓްކުރި އެ ފިލްމުގެ ބަތަލާއިންނަކީ އަމްރިތާ ރާއޯ އާއި ޝެނާޒް ޓްރެޝަރީވާލާ އެވެ.
"އިޝްގް ވިޝްގް" ގެ ވެސް ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް ގެނެސްދޭ "އިޝްގް ވިޝްގް ރީބައުންޑް" ގެ ޑައިރެކްޓަރަކީ ނިޕޫން އަވިނާޝް ދަރަމްއަދިކާރީ އެވެ.