Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ދެވާރާ" އަށް ބޮޑު ލަސްވުމެއް

ކުރިން އަންނަ އެޕްރީލް މަހު ސިނަމާތަކަށް ގެންނަން އޮތް އެންޓީއާރް ޖޫނިއާގެ "ދެވާރާ" ގެ ފުރަތަމަ ބައި އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި އެވެ.

ކުރިން އެޕްރީލް 5 އަށް ތާވަލުކޮށްފައި އޮތް މި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 10 ގަ އެވެ. "ދެވާރާ: ޕާޓް 1" އަކީ 2022 ގެ ކާމިޔާބު ފިލްމު ކަމަށްވާ "އާރްއާރްއާރް" އަށް ފަހު އެ ފިލްމުގެ ބަތަލު އެންޓީއާރް ބެލުންތެރިންނާ ބައްދަލުކުރާ ފުރަތަމަ ފިލްމެވެ.

ކޮރަޓަލާ ސިވާ ޑައިރެކްޓްކޮށް ގެނެސްދޭ މި އެކްޝަން ޑްރާމާގެ ކާސްޓްގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ސައިފް އަލީ ޚާން ވެސް ހިމެނެ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޕްރަކާޝް ރާޖް، ސްރީކާންތު، މުރަލި ޝަރުމާ އަދި އަބިމަންޔޫ ސިންގް ހިމެނެ އެވެ.

"ދެވާރާ" އަހަރުގެ ފަހުކޮޅަށް ފަސްކުރި އިރު، އެންޓީއާރްގެ ފުރަތަމަ ހިންދީ ފިލްމު އަދި ރިތިކް ރޯޝަނާ އެކީ ކުޅޭ "ވޯ 2" ގެ ޝޫޓިން އެ ދެ މީހުން އަންނަ އެޕްރީލް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރާ މި ފިލްމަކީ މިދިޔަ މަހު "ފައިޓާ" ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދު 2019 ގައި ގެނެސްދިން "ވޯ" ގެ ސީކްއެލް އެވެ.