ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި ހުއްޓާ މަރުވުމުގެ ޒިންމާ ނަގަންޖެހޭނީ އެގައުމުގެ ރައީސް ލެޑިމިއަ ޕުޓިން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ރަޝިއާގެ ޖަލުތަކާ ބެހޭ އިދާރާ އިން ބުނީ ޖަލުގެ ތެރޭގައި ހިނގަނިކޮށް ކުއްލި ގޮތަކަށް ނަވަލްނީ ބަލިވެ ހޭނުތުނު ކަމަށެވެ. އެއާއެކު ވަގުތުން އިމަޖެންސީ މެޑިކަލް ޓީމުގެ އެހީ އަށް އެދުނު ކަމަށާއި އެޓީމުން ނަވަލްނީގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުވާ ގޮތް ނުވި ކަމަށް ބުނެފައިވެ އެވެ.
ނަވަލްނީ މަރުވުމާ ގުޅިގެން ބައިޑެން ވިދާޅުވީ ޕުޓިންގެ އަނިޔާވެރި ވެރިކަމާ ދެކޮޅަށް އަޑުއުފުލުމުން ތަފާތު އެކި ގޮތް ގޮތުން ނަވަލްނީ ހުއްޓުވަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭގެއިން އެއްވެސް ކަމަކުން ވެސް އޭނާ ނުހުއްޓުވުނު ކަމަށެވެ. ނަވަލްނީ އަކީ ޕުޓިންއާ ހިލާފަށް ރަޝިއާ އަކީ އެންމެންގެ ތަނެއްކަން ގަބޫލުކޮށްގެން މަސައްކަތް ކުރި ހިތްވަރު ގަދަ މީހެއް ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.
"ނަވަލްނީގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ޕުޓިން. މިއީ އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫން،" ބައިޑެން ވިދާޅުވި އެވެ.
މީގެއިތުރުން ބައިޑެން ވަނީ މިއީ ނޭޓޯގެ ގައުމުތަކުން ޕުޓިންއާ ދެކޮޅަށް އެކު އެކީ ތެދުވަންވީ ވަގުތު ކަމަށް ގަބޫލުކުރާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ޕުޓިންއާ ދެކޮޅަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔަމުންދިޔަ ނަވަލްނީ ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ވިހަވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ޖަރުމަނުގައި ވެސް ފަރުވާ ހޯއްދަވާފަ އެވެ. ފަރުވާ އަށް ފަހު 2021 ވަނަ އަހަރު ޖަރުމަނުން ރަޝިއާ އަށް އައުމާއެކު ނަވްލާނީ ހައްޔަރުކޮށް ވަނީ ޖަލަށްލާފަ އެވެ.
އަދި 2022 ވަނަ އަހަރުގެ ތެރޭގައި ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ނަވަލްނީގެ މައްޗަށް ވަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ހަރުކަށި ފިކުރާ ގުޅޭ ދައުވާތަކެއްގައި ނަވަލްނީގެ މައްޗަށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ 19 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ.