މި އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުފައި ވާދަކުރާނީ 368 ކެންޑިޑޭޓުން ކަމަށް އިލެކްޝަން ކޮމިޝަން އީސީ) އިން ބުނެފި އެވެ.
އިންތިހާބުގައި ވާދަކުރަން މިދިޔަ މަހުގެ 30 ގައި ހުޅުވާލައި މި މަހުގެ 14 އަށް ސުންގަޑި ހަމަވި އިރު ޖުމްލަ 381 މީހަކު ފޯމް ހުށަހެޅި އެވެ. ނަމަވެސް ހަތަރު މީހަކު ނަން އަނބުރާ ގެންދިއުމާއި ޝަތުރު ހަމަނުވެގެން ފޯމްތަކެއް ބާތިލުކުރުމުން މިހާރު އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދަކީ 368 އެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާފައިވަނީ 386 ކެންޑިޑޭޓުން. އެއީ 43 އަންހެން 343 ފިރިހެން.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރައްވަނީ 368 ކެންޑިޑޭޓުން. 42 އަންހެން، 326 ފިރިހެން. އެއީ، %11.41 އަންހެން ބޭފުޅުން،…— Ismail Habeeb (@IsmailHabeeb) February 16, 2024
އިންތިހާބުގައި އެންމެ ގިނައިން ވާދަކުރަނީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. އެއީ 130 އެވެ. ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އެމްޑީޕީންނެވެ. އެ ޕާޓީން 90 ދާއިރާއަކަށް ވާދަކުރެ އެވެ. ދެން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ދަ ޑިމޮކްރެޓްސްއންނެވެ. އެއީ 89 އެވެ.
ސަރުކާރު ހިންގާ ޕީއެންސީ/ޕީއެންސީ ކޯލިޝަނުން 87 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ވިހި ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެ އެވެ. މި އިންތިހާބު އަންނަ މަހުގެ 17 ގައި ބާއްވަން އީސީން ނިންމި ނަމަވެސް މަޖިލީހުން މިހާރު އޮތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ފާސްކޮށްފަ އެވެ.