Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

މުޅި ރާއްޖެ އަށް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދާނެ

ރާއްޖެ އަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަންވާ ވަރަކުން ޑޮކްޓަރުންނަށް ދެއްކުމަށް ދިމާވާ ދަތިތައް ހައްލުވަމުން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާންމުންގެ މީހަކު ކުރި ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އެހެންވެ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗާއި އެ ނޫން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ބޮޑެތި ހޮސްޕިޓަލްތަކަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ރާއްޖެ އިން ވެސް ބޭރުން ޑޮކްޓަރުން ހޯދާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން ގިނަ ކުރެވޭ ވަރަކަށް ޑޮކްޓަރުންނަށް ދައްކަން ދިމާވާ ދަތިތަކައް ހައްލު އަންނާނެ." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިހާރު ކުރަމުން އަންނަ މުހިއްމު އެއް ކަމަކީ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ލިބޭ ވަގުތު ޔަގީންކަމާ އެކީ އެނގޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ.

"އޭރުން އެޕޮއިންޓްމަންޓާ އެކީ ދުވަސް ލިބި އިތުރަށް އިންތިޒާރު ކުރަން ނުޖެހި، ރަށްރަށުން ވެސް މާލެ ވަޑައިގަންނަވާ އިރު އިތުރަށް އިންތިޒާރު ކުރާކަށް ނުޖެހޭނެ." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ އަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ތެރޭގައި ފަރުވާ ދޭން ތިބޭ ޑޮކްޓަރުން ހިދުމަތް ދޭން މަޑުކުރާ ވަގުތު އިތުރު ކުރުން ވެސް ހިމެނޭ ކަމަށެވެ.