އެމެރިކާގެ ސުޕަ ބޯލްގެ ޗެމްޕިއަންކަން މިދިޔަ ހޯމަ ދުވަހު ހޯދި ކެންސަސް ސިޓީ ޝީފްސްގެ ކާމިޔާބު ފާހަގަ ކުރަން، ބޭއްވި ޕެރޭޑްގެ ތެރޭގައި ބަޑި ޖަހައި ހިންގި ހަމަނުޖެހުންތަކުގައި މަރުވި އަންހެނެއްގެ އާއިލާ އަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް 100،000 ޑޮލަރުގެ އެހީއެއް ދީފި އެވެ.
މަރުވި ދެ ކުދިންގެ މަންމަ، ލީޒާ ލޮޕޭޒް-ގަލްވަންގެ އާއިލާ އަށް އެހީވާން މިދިޔަ ބުރާސްފަތި ދުވަހު ގޯފަންޑްމީގައި ހުޅުވި ފަންޑަށް ޓޭލާ ފުރަތަމަ ހަދިޔާކުރީ 50،000 ޑޮލަރެވެ. އޭގެ ގަޑިއިރުތަކެއް ފަހުން އަނެއްކާ ވެސް އޭނަ 50،000 ޑޮލަރު ޖަމާކުރި އެވެ.
ފަންޑް ހުޅުވީ 75،000 ޑޮލަރަށް އަމާޒުކޮށްގެންނެވެ. ނަމަވެސް އެއަށް ވުރެ ބޮޑު އަަދަދެއް ޓޭލާ ހަދިޔާކުރި އިރު، މިހާތަނަށް 4،300 އަށް ވުރެ ގިނަ މީހުން ހަދިޔާކުރި ފައިސާ އަކީ ފަންޑަށް ވަނީ 326,755 ޑޮލަރު ލިބިފަ އެވެ.
ޓޭލާ އަކީ މީގެ ކުރިން ވެސް އެކިއެކި ކަންކަމުގައި މީހުންނަށް މާލީ ގޮތުން އެހީވެފައިވާ ފަންނާނެކެވެ. އަންނަ އެޕްރީލް މަހުގެ 19 ގައި 11 ވަނަ ސްޓޫޑިއޯ އަލްބަމް "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" ނެރެން ތައްޔާރުވަމުން އަންނަ ޓޭލާގެ މިލްކިއްޔާތު 1.1 ބިލިއަން ޑޮލަރަށް އަރަ އެވެ.
އޮންލައިންކޮށް ފައިސާ އެއްކުރަން ހިންގަމުން އަންނަ ގޯފަންޑްމީ https://www.gofundme.com/f/elizabeth-lopezgalvan-memorial އަކީ މިހާތަނަށް ވަރަށް ގިނަ ބަޔަކަށް އެހީ ހޯދައި ދީފައިވާ ޕޭޖެކެވެ.