Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޑައިރެކްޓަރު ސަންތޯޝީ ދެ އަހަރަށް ޖަލަށް!

ސަނީ ޑިއޯލްއާ އެކީ "ލާހޯރް، 1947" ކިޔާ ފިލްމެއްގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން ދަނިކޮށް ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އަށް ދެ އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ 67 އަހަރުގެ ޑައިރެކްޓަރުގެ މައްޗަށް ޖަމްނާގަރު ކޯޓުން ދެ އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނަ ދޫކުރި ޗެކްތަކެއް ބައުންސްވި މައްސަލައެއްގައި ކުރި ދައުވާއަކާ ގުޅިގެންނެވެ. މީޑިއާތަކުން ބުނީ ޖަލު ހުކުމުގެ އިތުރަށް، ބައުންސްވި ޗެކްތަކުގައި ހިމެނޭ އަދަދުގެ ދެގުނަ ކޯޓަށް ދައްކަން ވެސް އަމުރުކޮށްފައިވާ ކަމަށެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޗެކް ބައުންސްވި މައްސަލާގައި ސަންތޯޝީގެ މައްޗަށް ދައުވާކުރީ ޖަމްނާގަރްގެ ޝްރީޖީ ޝިޕިން ކިޔާ ކުންފުންޏެއް ހިންގަމުން އަންނަ އަޝޯކް ލާލު ކިޔާ މީހެކެވެ. އޭނަ ބުނި ގޮތުުގައި ސަންތޯޝީ އަށް 2015 ގައި ދޫކުރި އެއް ކްރޯޑްގެ ރުޕީސް އަނބުރާ ދައްކަން 2016 ގައި ދޫކުރި 10 ޗެކެއް ބައުންސްވެފައިވެ އެވެ. އެއިން ކޮންމެ ޗެކެއްގައި ހިމެނެނީ 10 ލައްކަ ރުޕީސް އެވެ.

މިކަމާ ގުޅިގެން ސަންތޯޝީގެ މައްޗަށް ކުރިން، ކޮންމެ ޗެކަކަށް 15،000 ރުޕީސް ދައްކަން ވެސް އަމުރުކޮށްފައިވެ އެވެ. ނަމަވެސް އެ އަމުރާ އެއްގޮތަށް އަމަލުކޮށްފައި ނުވުމާއި ކޯޓަށް ހާޒިރުވާން އެންގުމުން އެކަމަށް ވެސް ތަބާވެފައި ނުވާ ކަމަށް މިއަދު އިއްވި ހުކުމްގައި ބުނެފައިވެ އެވެ.

ސަންތޯޝީ އަކީ "ގާޔަލް" އާއި "ގަތަލް" އާއި "ދާމިނީ" އާއި "އަންދާޒު އަޕްނާ އަޕްނާ" ގެ އިތުރުން "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަ ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ "ލާހޯރް، 1947" އަކީ އާމިރު ޚާން ޕްރޮޑިއުސްކުރާ އެއްޗެކެވެ. އޭގެ ކާސްޓްގައި ޕްރިތީ ޒިންދާ، ޝަބާނާ އާޒްމީ އަދި އަބިމަންޔޫ ސިންގް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސަންތޯޝީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބޭޑް ބޯއި" އެވެ.