މިދިޔަ މަހު ޝޫޓިން ފެށި އިބްރާހީމް އަލީ ޚާނާއި ހުޝީ ކަޕޫރްގެ ރޮމޭންޓިކް ކޮމެޑީގެ ނަމަކީ "ނާދާނިޔާން" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިހެންމ ބުނި ނަމަވެސް އެ ފިލްމު އުފައްދާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އެކަން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. "ނާދާނިޔާން" އަކީ ކަރަންގެ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި އޭނައާ އެކީ އެސޯސިއޭޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ޝައުނާ ގޯތަމް އަލަތު ޑައިރެޝަނެވެ.

މި ފިލްމުގެ ޝޫޓިން މިދިޔަ މަހުގެ 20 ގައި ފެށިކަން ފިލްމުގެ ޓީމުން އޮތީ ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު ފިލްމުގެ ނަމާއި ކާސްޓާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ނެޓްފްލިކްސްއާ ގުޅިގެން ހަދަމުން އަންނަ "ނާދާނިޔާން" އަކީ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓަށް ހަދާ އެއްޗެކެޗެ.
އެހެންވެ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ނެޓްފްލިކްސްއިންނެވެ.
View this post on Instagram
"ނާދާނިޔާން" ބަތަލު އިބްރާހީމަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދަރިއެކެވެ. އޭނަ "ސަރްމީން" ކިޔާ ފިލްމަކުން ބޮލީވުޑަށް ވަރަށް އަވަހަށް ތައާރަފުކުރަން ދަރުމާ އިން އަންނަނީ ތައްޔާރުވަމުންނެވެ. ހުޝީ އަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅެވެ. އަދި މިހާރުގެ މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ހުޝީގެ ފުރަތަމަ ފިލްމަކީ މިދިޔަ ޑިސެމްބަރުގައި ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިބްރާހީމާއި ހުޝީއާ އެކީ "ނާދާނިޔާން" ގެ ކާސްޓްގައި ސުނިލް ޝެޓީ ވެސް ހިމެނެ އެވެ.