Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ދަރޭ އެދެނީ އީޝާ ވަރިއާ މެދު ދެވަނަ ވިސްނުމަކަށް ދާން!

ބޮލީވުޑްގެ ކުރީގެ ބަތަލާ އީޝާ ޑިއޯލް އާއި ފިރިމީހާ ބާރަތު ތަހްތާނީ ވަރިވާން ނިންމާފައިވާތީ އެކަމާ ގުޅޭ ގޮތުން ދެވަނަ ވިސްނުމަކަށް ދާން ބައްޕަ ދަރުމެންދުރާ، އީޝާ ގާތު އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ދެ ދަރިން ލިބިފައި ވަނިކޮށް އީޝާގެ ކައިވެނި ރޫޅައިލަން ނިންމިކަން އެނގުމާ އެކީ ދަރޭ އަށް އެކަމުގެ ސަބަބުން ބޮޑު މާޔޫސްކަމެއް ލިބިފައިވާ ކަމަށެވެ. އެހެންވެ އީޝާ އާއި ބާރަތު ވާހަކަ ދައްކައިގެން ސުލްހަވާން ދަރޭ އެދިފައިވާ ކަމަށާއި އީޝާގެ ކައިވެނި ރޫޅެން ދަރޭ އެއްވެސް ގޮތަކަށް ބޭނުން ނުވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ދެހާސް ބާރައިގައި ކައިވެނިކުރި އީޝާ އާއި ބާރަތު ވަކިވާން ނިންމިކަން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ މި މަހުގެ ކުރީކޮޅު އެވެ. އެ ދެ މީހުންނަށް ދެ އަންހެން ދަރިން ލިބިފައިވެ އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އީޝާ އާއި ބާރަތު ވަރިވާން ނިންމުމުން ދަރޭ އެންމެ ކަންބޮޑުވާ ކަމަކީ އޭގެ ސަބަބުން އެ މީހުންގެ ދަރިންނަށް އެކަމުން ލިބިދާނެ ދެރައަކަށްޓަކަ އެވެ. އަދި ޚުދު ދަރޭ އަކީ ވެސް އެކަމުގެ ހިތި ތަޖުރިބާކޮށްފައިވާ މީހަކަށްވާތީ އީޝާ ،ވަރިއާ މެދު ދެވަނަ ވިސްނުމަކަށް ދާން ނަސޭހަތް ދީފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އީޝާ އަކީ ދަރޭ އާއި ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދަރޭ އަކީ މަޝްހޫރު އެކްޓަރުން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލްގެ ބައްޕަ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އީޝާ އާއި ބާރަތު ވަކިވާން ނިންމި މައްސަލައިގެ ތެރެއަށް ވަންނާކަށް ހެމާ ބޭނުމެއް ނޫނެވެ. އަދި އެ މީހުންގެ ނިންމުމާ މެދު އޭނަ ރުހޭނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީޝާ އާއި ބާތަރުގެ މެދުގައި މައްސަލަތައް ޖެހެން ފެށީ ދެވަނަ ދަރިފުޅު އުފަންވި ފަހުންނެވެ. ސަބަބަކީ ބާރަކީ ވިޔަފާވެރިއަކަށްވެފައި، ފިރިހެން ކުއްޖަކަށް އުންމީދުކޮށްގެން ހުއްޓައި ދެވަނަ އަށް ވެސް އަންހެން ކުއްޖަކު ލިބުމުން އެކަމާ ހިތްހަމަނުޖެހި، އާއިލާއާ މަޑުމަޑުން ދުރުވާން ފެށީ އެވެ.