Last Updated: July 17, 10:59
Friday, July 17, 2026
ދުނިޔެ

ޖަޕާންގެ ސިފައިންނަށް ބޯދިގު ކުރެވޭނެ

އަސްކަރިއްޔާ އަށް ހިދުމަތް ކުރަން ޒުވާނުން ޝައުގުވެރިކުރުމުގެ ބޭނުމުގައި ޖަޕާނުގައި އާ އުސޫލަކަށް އަމަލު ކުރަން ނިންމައިފި އެވެ.

އެގޮތުން އަންނަ އެޕްރީލް މަހުން ފެށިގެން ސިފައިންގެ ފިރިހެން އޮފިސަރުންނަށް ވެސް ބޯދިގު ކުރެވޭނެ އެވެ، މި ބަދަލާ އެކީ އަސްކަރިއްޔާގައި އުޅޭ ފިރިހެނުންނަށް ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ބެހެއްޓުމުގެ ފުރުސަތު ފަހިކޮށް ދިން އިރު، އަންހެން އޮފިސަރުންގެ އިސްތަށިގަނޑު ކޮނޑާ ހަމައަށް ވުރެ ދިގެއް ނުކުރެވޭނެ އެވެ. އަދި އިސްޔަށިގަނޑު ހުންނަން ވާނީ ފަސޭހަ އިން ހެލްމެޓް ވެސް އެޅޭ ގޮތަށް އައްސައިފަ އެވެ.

އާ އުސޫލުގައިވާ ގޮތުން ފިރިހެން އޮފިސަރުންގެ އިސްތަށިގަނޑު މަތިން ދިގުކޮށް، އަރިމަތިންނާއި ފަހަތުން ހުންނަން ވާނީ ތުނިކޮށްފަ އެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓަރު މިނޯރޫ ކިހާރާ ވިދާޅުވީ އަސްކަރިއްޔާގެ އޮފިސަރުންނަށް ބޮލުގެ އިސްތަށިގަނޑު ބެހެއްޓޭ ގޮތަށް ގެންނަން ނިންމި ބަދަލާ އެކީ އެ ހިދުމަތަށް ނުކުންނަ ޒުވާނުން ވަރަށް ބޮޑަށް އިތުރުވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ،

"އަސްކަރިއްޔާ އެކަންޏެއް ނޫން، ޖަޕާނުގެ ހުރިހާ ދާއިރާއަކަށް ވެސް ވޯކްފޯހުގެ ދަތިކަން ވަރަށް ބޮޑު،" އޭނަ ވިދާޅުވި އެވެ. "މީގެ ސަބަބުން ގައުމަށް ދިމާވަމުންދާ ގޮންޖެހުންތައް ކުޑައެއް ނޫން. އެހެންވެ އެބަޖެހޭ ބައެއް ކަހަލަ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން."

ރިޕޯޓްތައް ބުނާ ގޮތުން ޖަޕާންގެ ޒުވާނުން އަސްކަރިއްޔާގައި ހިދުމަތް ކުރަން ބޭނުން ނުވާ މައިގަނޑު ސަބަބަކީ ބޮލުގެ އިސްތަށިގަނޑު ވަރަށް ތުނިކޮށް ކޮށާފައި ބަހައްޓަން ޖެހޭތީ އެވެ. އަދި މި މައްސަލަ އަކީ ޖަޕާންގެ އިތުރުން އުތުރު ކޮރެއާ އާއޮ ޗައިނާ ވެސް ދިމާވެފައި އޮތް މައްސަލައެކެވެ.