Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ބައްޕަގެ ފިލްމުން ކަރަން ފެންނާނެކަމުގެ އިޝާރާތެއް

ސަނީ ޑިއޯލް ސޮއިކޮށްފައި އޮތް އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމު "ލާހޯރް، 1947" ގައި ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ހިއްސާވާނެކަމުގެ އިޝާރާތެއް ދީފި އެވެ.

ސްކްރިޕްޓަކާ އެކީ ނަގާފައިވާ ފޮޓޯތަކަކާ އެކީ ކަރަން ބުނީ "ކެރެކްޓާއަކަށް ތައްޔާރު ވަނީ" ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ. މީޑިއާތަކުން ބުނީ ކަރަން އެ ދިނީ ބައްޕަގެ ފިލްމުން އޭނަ ފެންނާނެކަމުގެ އިޝާރާތެއް ކަމަށެވެ. މިދިޔަ ހަފުތާގައި "ލާހޯރް، 1947" ގެ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ވެސް ވަނީ އެ ފިލްމުގެ ރޯލަކަށް ކަރަން އޮޑިޝަން ހެދި ކަމަށް ބުނެފަ އެވެ. އެކަމަކު އޭނަ ފިލްމަށް ނެގިކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ކަރަން ބޮލީވުޑަށް ނެރުނީ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އެކަމަކު އޭގެ ފަހަކުން އޭނަ އަށް ރަނގަޅު އޮފާތަކެއް ނުލިބެ އެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ބައްޕަ އާއި ބޮޑުބޭބެ ބޮބީ ޑިއޯލްގެ އިތުރުން ކާފަ ދަރުމެންދުރާގެ 2007 ގެ "އަޕްނޭ" ގެ ސީކްއެލް 2020 ގައި އިއުލާންކުރި އިރު، އޭގެ ކާސްޓްގައި ކަރަން ހިމެނޭކަމެވެ.

މިދިޔަ އަހަރު ސަނީގެ "ގަދަރު 2" ގެނެސްދިން ޑައިރެކްޓަރު އަނިލް ޝަރުމާގެ އެ ފިލްމުގެ މަސައްކަތް ފެށޭނެ އިރެއް އަދި ނޭނގެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ލާހޯރް، 1947" ގެ ކާސްޓްގައި ޕްރިތީ ޒިންތާ، ޝަބާނާ އާޒްމީ އަދި އަބިމަންޔޫ ސިންގް ހިމެނެ އެވެ. މި ފިލްމުގެ ޝޫޓިން އަށް ތައްޔާރީތައް ވަމުން ދަނިކޮށް ޑައިރެކްޓަރަށް އިއްޔެ ވަނީ މީހެއްގެ ނެގި ލޯނަކަށް ފައިސާ އަނބުރާ ދައްކަން ދިން ޗެކްތަކެއް ބައުންސްވި މައްސަލައެއްގައި ދެ އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.

މިކަމާ ގުޅިގެން ސަންތޯޝީ މިއަދު ބުނީ އެއީ ކޯޓުން ބޭރުގައި ވަރަށް ފަަސޭހައިން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސަނީގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ނުކުތީ މިދިޔަ އަހަރުގެ "ދޯނޯ" އިންނެވެ.