ބޮލީވުޑްގެ މަޝްހޫރު ޒުވާން ތަރި، ވަރޫން ދަވަން ބައްޕައަކަށް ވާން އުޅޭކަން މިއަދު އިއުލާންކޮށްފި އެވެ.
އެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް ވަރުން ބުނީ ހެޔޮއެދޭ އެންމެންގެ ހެޔޮދުއާ ބޭނުންވާ ކަމަށެވެ. ވަރޫން އާއި ފެޝަން ޑިޒައިނަރެއް ކަމަށްވާ ނަތާޝާ ދަލާލް ކައިވެނިކުރީ ޖެނުއަރީ 24، 2021 އެވެ. އެ ދެ މީހުންނަކީ ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެން ވަރަށް ގާތް ދެ މީހުންނެވެ.
ވަރޫން އަކީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑްގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ވަރޫންގެ ބޭބެ ޑައިރެކްޓަރު ރޯހިތު ދަވަން 2012 ގައި ކައިވެނިކޮށް މިހާރު ދެ ދަރިން އެބަތިއްބެވެ.
ވަރޫން، 36، ބޮލީވުޑަށް ނުކުތީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބަވާލް" އެވެ. ވަރޫންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ބޭބީ ޖޯން" އާއި ވެބް ސީރީޒް "ސިޓަޑެލް އިންޑިއާ" ހިމެނެ އެވެ.