އައްޑޫގައި އިމާރާތްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަހަރުގެ މެއި މަހަށް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާ އިރު، ހިތަދޫގައި ހަދަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ 5 ޕަސެންޓް މަސައްކަތް މިހާރު އޮތީ ނިމިފަ އެވެ. އެގޮތުން މިހާރު ފައުންޑޭޝަން ބުޑުތައް ކޮންކްރީޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިންމަން ޖެހޭ ތާރީހަކީ އަންނަ އަހަރުގެ މެއި 4 ކަމަށެވެ.
މި ތަނުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ ޖުލައި 26 ގަ އެވެ. ބިންގާ އަޅުއްވައި ދެއްވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ އިތުރުން އައްޑޫ މޭޔަރު އަލީ ނިޒާރެވެ.
މި އިސްލާމީ މަރުކަޒު ބިނާކުރަނީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ ހިތަދޫ ބްރާންޗް ކައިރީގައި ކުރިން ހިންގި އައްޑޫ ޕޮލިސް ޓްރެއިނިން ސްކޫލް ހުރި ބިމުގަ އެވެ. އިސްލާމީ މަރުކަޒުގެ ކޮންޓްރެކްޓަރަކީ ފެޑޯ ޕްރައިވެޓް ލިމިޓެވެ. މި މަޝްރޫއުުގެ އަގަކީ 1.3 މިލިއަން ރުފިޔާ އެވެ.
ދެ ބުރި އަށް އިމާރާތް އައްޑޫ އިސްލާމީ މަރުކަޒަކީ 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނަ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީއަކާއި ޕޭންޓްރީއެއް ވެސް ހިމެނޭނެ ތަނެކެވެ.
ފެޑޯއާ މި މަޝްރޫއު ހަވާލުކުރީ މަސައްކަތް ފަށާތާ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް 24 ގަ އެވެ.