Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

އައްޑޫ އިސްރަށްވެހިންނަށް ޑިޖިޓަލް ލިޓްރަސީ ކޯހެއް

އައްޑޫ މީދޫގެ އިސްރަށްވެހިންތަކެއް. ފޮޓޯ: މީދޫ އަވަށު އޮފީސް

އައްޑޫގެ އިސްރަށްވެހިންނަށް ހާއްސަކޮށްގެން ޑިޖިޓަލް ލިޓްރަސީ ކޯހެއް ހިންގަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން، ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހާ ގުޅިގެން ހިންގަން ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވާން ބޭނުންވާ އިސްރަށްވެހިންނަށް އެޕްލައި ކުރުމުގެ ފުރުސަތު ބުދަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މުޅިން ހިލޭ ހިންގަން ހަމަޖެހިފައިވާ ޑިޖިޓަލް ލިޓްރަސީ ކޯހުގެ މައިގަނޑު ޝަރުތަކީ ސްމާޓްފޯނެއް ގެންގުޅުމެވެ. މި ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ. އެއީ ދުވާލަކު ގަޑިއިރު ކިޔަވާ ގޮތަށެވެ.

ޑިޖިޓަލް ލިޓްރަސީ ކޯހުގައި ނަގައިދޭނެ ބައިތަކުގެ ތެރޭގައި އިންޓަނެޓް ބޭނުން ކުރާނެ ގޮތާއި އޭގެ ޒަރީރާ އިން މީހުންނާ ގުޅުން ދަމަހައްޓާނެ ގޮތާއި ފައިސާ ރައްކާތެރިކަނާ އެކީ ބަލަހައްޓާނެ ގޮތާއި އާންމު އެޕްލިކޭޝަންތައް ބޭނުން ކުރަން ދަސްކޮށް ދިނުމާއި އޮންލައިން މަކަރުހެދުމާއި "ފިޝިން" ހިމެނެ އެވެ.