ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނަކީ ދޮގު މައުލޫމާތާއި ކަންކަން އޮޅޭގޮތަށް ދީފައިވާ ރިޔާސީ ބަޔާނެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާއެކު ބަޔާން ކޮށްފައިނުވާ ކަމަށެވެ. ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށާއި އަދި ގައުމަށް ކުރިމަތިވެފައިވާ މުހިންމު ކަންކަމަށް އެއްވެސް ވަރަކަށް އަލިއަޅުވާލާފައިނުވާ ކަމަށް ވިދާޅުވިއެވެ. އެކަމާ ކަންބޮޑުވުންފާޅުކުރައްވާ ބިގޭ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އަދި ފާއިތުވި އަހަރުތަކުގައި ކަންކަން ހިނގާފައިވާގޮތް ބަޔާންކޮށްފައިވަނީ ދޮގު މައުލޫމާތާ ރައްޔިތުންނަށް ކަންކަން ވަރަށް އޮޅޭގޮތަށް ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީވެސް ރައްޔިތުންނަށް މަކަރާ ކަންކަން އޮޅުވާލަމުން ކަމަށެވެ.
ކޮވިޑުގައި ކުރިމަތިވި އަޑިގަނޑުން އަރައިގަތީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަރަށް ހިކުމަތްތެރިކަމާއެކު ކުރެއްވި މަސައްކަތުންކަން ފާހަގަކޯށް ބިގޭވަނީ ކޮވިޑްގައި ދިމާވި ދަތިތަކާއި، އެ ހާލަތުން އަރައިގަތުމަށްކުރި މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
"އެހެންނަމަވެސް ކޮވިޑުގެ ދަތިކަންއެއީ ނެތް އެއްޗަކަށްހަދަވައި ގައުމަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ވާހަކަ ރައީސުލްޖުމްހުރިއްޔާ ތިލަކޮށްލެއްވީ ސިޔާސީ ބޯޅަޖެއްސެވުމުގެ ނިޔަތުގައި. މިއީ ޒިންމާދާރުކަން ކުޑަކަމެއް." ބިގޭ ވިދާޅުވިއެވެ.
ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ބިގޭ ވިދާޅުވީ މިސަރުކާރުން ދަރަނި އަދާކުރާނެ ގޮތުގެ ސީރިއަސް ޕްލޭނެއް ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައިނުވާ ކަމަށެވެ.
ބިގޭ ވިދާޅުވީ އިންސާފު ގާއިމުކުރުމުގައި ދިމާވެފައިހުރި ދަތިތަކާއި ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ކަންކަމާ ގުޅޭގޮތުން ރައީސްގެ ވާހަކަ ފަނޑުކަމަށެވެ. އަދި ޖޭއެއްސީ އެކުލެވިގެންވާގޮތް ބަދަލުކުރައްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު އެކަމަށް ކުރީ ސަރުކާރުން ބިލެއް މަޖިލީހަށް ހުށަހަޅާފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ބިގޭ ވަނީ "ރައީސްގެ ޖަވާބު"ގެ ނަމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައީސް މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ހަރަކާތަށްވެސް ފާޑުވިދާޅުވެފައެވެ.
"ރައީސްގެ ރިޔާސީ ބަޔާނުގައި އެވިދާޅުވާ، މަދުވެގެން ކޮންމެ އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ ކޮންމެ ދުވަހަކު ޖަވާބު ދޭން ފަށައިފިން، އަޅުގަނޑަށް މި ސިފަކުރެވެނީ ސިލްސިލާ ޑްރާމާއެއްގެ ގޮތުގައި." ބިގޭ ވިދާޅުވިއެވެ.
ފާއިތުވި ފަސް އަހަރު ދައުލަތުގެ ހަރަދުތައް ގަވައިދުން ޝާއިއުކުރަމުން އައިކަން ފާހަގަަކޮށް ބިގޭ ވިދާޅުވީ މިސަރުކާރުން އެކަންވެސް ހުއްޓާލާފައިވާ ކަމަށެވެ. އެހެންކަމުން ހާމަކަންބޮޑު ސަރުކާރެއް އުފައްދަވާނެކަމަށްބުނެ ދައްކަވާ ވާހަކަތަކަކީ މޫނުމަތި ރީތިކުރުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުކީ ވެބްސައިޓުތަކެއް ބްލޮކްކުރިކަން ފާހަގަކޮށް ބިގޭ ވިދާޅުވީ ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މިސަރުކާރުން ހުރަސްއަޅާނެކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.