އެކްޓަރު ކާތިކް އާރިއަނާ އެކީ އިއުލާންކޮށްފައި އޮތް "އާޝިގީ 3" ގެ ނަން ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ބަޓް ކޭމްޕޭއި ޓީ ސީރީޒް ގުޅިގެން ހަދަން ނިންމާފައިވާ މި ފިލްމަށް މިހާރު ކިޔަން ނިންމާފައި ވަނީ "ތޫ އާޝިގީ ހޭ" ކަމަށެވެ. އަމި ފިލްމު ހަދަން ނިންމާފައި ވަނީ 1981 ގެ ވަރަށް ކާމިޔާބު ލޯބީގެ ފިލްމު "ބަސޭރާ" އަށް ބިނާކޮށްގެން ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.
ރަމޭޝް ތަލްވާރް ޑައިރެކްޓްކުރި އެ ފިލްމަކީ ޝަޝީ ކަޕޫރާއި ރާކީ އާއި ރޭކާ އާއި ޕޫނަމް ދިލަންގެ އިތުރުން ރާޖް ކިރަން މައިގަނޑު ރޯލުތައް ކުޅުނު ވަރަށް މަގުބޫލު ފިލްމެކެވެ.
ނަމަވެސް "އާޝިގީ 3" އާ ބެހޭ ގޮތުން ދެކެވެމުން އަންނަ މި ވާހަކަތަކާ ގުޅިގެން ރަސްމީކޮށް ފިލްމުގެ ޓީމުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ދެހާސް ބާވީސް ވަނަ އަހަރުގެ ސެޕްޓެމްބަރުގައި އިއުލާންކުރި މި ފިލްމަކީ އަނޫރާގް ބާސޫ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެވެ.
ނަމަވެސް "އާޝިގީ 3" އާ ބެހޭ ފަހުގެ އެއްވެސް އަޕްޑޭޓެއް ފިލްމުގެ ޓީމުން ނުދެ އެވެ. މި ފިލްމު އިއުލާންކުރި ފަހުން މީގެ ބަތަލާއަކާ ބެހޭ ގޮތުން މިހާތަނަށް ވަރަށް ގިނަ ވާހަކަތައް ދެކެވިފައިވެ އެވެ. ނަމަވެސް އަދި ފިލްމަށް ބަތަލާ އަކު ވެސް ނުނަގަ އެވެ.
"އާޝިގީ 3" ގެ ޝޫޓިން މިދިޔަ މަހު ފަށާނެކަމުގެ އަޑުތަކެއް ވެސް އެރި އިރު، ފިލްމުގެ މަސައްކަތުގެ ތެރެއިން މި ވަގުތު ކުރިއަށް ދަނީ މިއުޒިކްގެ މަސައްކަތެވެ.