ސަރުކާރުން އައްޑޫ މަރަދޫގައި އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް ކުރިން ރޭވި ގޮތަށް ވުރެ މާ ބޮޑަށް ލަސްވެގެން ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މި މަޝްރޫއަށް ވޭރިއެޝަން މަސައްކަތްތަކެއް އިތުރުވުމުގެ ސަބަބުން މަސައްކަތް ލަސްވެފައިވާ އިރު، މިހާރު މިސްކިތުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ މި އަހަރުގެ މެއި މަހަށް ކަމަށެވެ.
މަސައްކަތުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ އިރު، މި ވަގުތު މައިގަނޑު ގޮތެއްގައި ކުރިއަށް ދަނީ ފިނިޝިން މަސައްކަތްތެކެވެ.
މަރަދޫ ބަނދަރުމަތީގައި އިމާރާތްކުރަމުން އަންނަ މި މިސްކިތުގެ ކޮންޓްރެކްޓަރަކީ ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ބީއޭޕީސީ އެވެ. މިސްކިތުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި މިނިސްޓްރީއާ ދެމެދު ސޮއިކުރީ ޖެނުއަރީ 20، 2022 ގަ އެވެ. މިއީ 12.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެވެ.
ދެ ޖިންސްގެ މީހުންނަށް ނަމާދުކުރެވޭ ގޮތަށް 500 މީހުންގެ ޖާގައިގެ މި މިސްކިތުގެ ބިންގާ އެޅީ މާޗް 10، 2022 ގަ އެވެ.