އިިންޑިއާގެ އެއާލައިންތަކުން ދަތުރުކުރާ މީހުންގެ ލަގޭޖް ފޯރުކޮށް ދިނުން އަވަސްކުރެވޭނެ އުސޫލުތަކެއް ހަމަޖައްސަން މުހުލަތެއް ދީފި އެވެ.
އެ ގައުމުގެ ބިއުރޯ އޮފް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ބީީސީއޭއެސް) އިން އެކަމަށް ދިން ސުންގަޑި މި މަހުގެ 26 އަށް ހަމަވާނެ އެވެ.
އެތަނުން އެއާލައިންތަކަށް އަންގާފައި ވަނީ ބޯޓް ލޭންޑްކުރާތާ ގިނަވެގެން 30 މިނިޓްގެ ތެރޭގައި ހުރިހާ ދަތުރުވެރިންގެ ލަގޭޖްތައް ފޯރުކޮށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އަދި ބޯޓް ލޭންޑްކޮށް، އިންޖީނު ނިއްވައިލާތާ އެންމެ ލަސްވެގެން 10 މިނިޓްގެ ތެރޭގައި އެންމެ ފުރަތަމަ ލަގޭޖްތައް ބެގޭޖް ބެލްޓަށް އަންނަން ޖެހޭނެ ކަމަށް ވެސް އަންގާފައިވެ އެވެ.
އިންޑިއާގެ އެއާޕޯޓްތަކުގައި، އެއާލައިންތަކުން ދަތުރުވެރިންނަށް ލަގޭޖް ފޯރުކޮށް ދިނުން ލަސްވާ މައްސަލަ ބޮޑުވެފައިވާތީ މިކަމަށް ހައްލެއް ގެންނަން ވަރަށް ބޮޑު އިސްކަމެއް ދެން ދޭނެ ބީީސީއޭއެސް އިން ބުންޏެވެ. އެހެންވެ އެފަދަ އިންތިޒާމުތަކެއް ހަމަޖައްސަން އެއާލައިންތަކަށް މުހުލަތެއް ދިން އީރު، އޭގެ ތެރޭގައި އިންޑިއާގެ 7 އެއާލައިނެއް ހިމެނެ އެވެ. އޭގެ ތެރޭގައި އެއާ އިންޑިއާ، ވިސްޓާރާ އަދި އިންޑިގޯ ވެސް ހިމެނެ އެވެ.

ބީީސީއޭއެސް އިން އެއާލައިންތަކަށް ލަގޭޖްތައް އަވަސްކޮށް ދޭން އެންގީ ލަގޭޖްތައް ފޯރުކޮށް ދިނުން ލަސްވާ މައްސަލައާ ގުޅިގެން ބޮޑު ހަ އެއާޕޯޓެއްގައި ކުރިއަށް ގެންދިޔަ މޮނިޓަރިން އިންސްޕެކްޝަނަކަށް ފަހު އެވެ.