ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން ދިން ލުޔެއް ނެތްކަމަށް ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ މި ސަރުކާރު އިންތިހާބުވީއްސުރެއް "ބުހުތާން ބޮޑު ދޮގު" ހަދަމުންދާކަމަށެވެ. ރައީސްގެ ރިޔާސީ ބަޔާނުގައިވެސް ހިމެނެނީ ދޮގާ އޮޅުވާލުން ކަމަށް ވިދާޅުވިއެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެ ކަމަށް އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ވިދާޅުވިކަން ފާހަގަކުރައްވާ ބިގޭ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ރައީސް ޔާމީނަށް ދެއްވި ލުޔައްވުރެއް އިތުރު ލުޔެއް މިއަދާ ހަމައަށް އެމަނިކުފާނަށް ލިބިފައިނުވާ ކަމަށެވެ.
އިންޑިއާ ސިފައިންގެ އަދަދު ހާމަކުރައްވާނެކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ވިދާޅުވިކަންވެސް ފާހަގަ ކުރައްވާ ބިގޭ ވިދާޅުވީ އެކަމާ ގުޅޭ އެއްވެސް ތަފްސީލެއްވެސް ރިޔާސީ ބަޔާނުގައި ނެތްކަމަށެވެ. އަދި އިންޑިއާ ސިފައިންތިބިނަމަ ތިބި އަދަދެއްވެސް ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައި ނުވާ ކަމަށެވެ.
"ދައްކަވާނެ އިތުރު ވާހަކައެއް މިހާރު ނެތިގެން އެންމެފަހުން މިނިންމީ، ޑޯނިއާ ދުއްވާ މީހުން ކުލަ ހެދުމުގައި އެކަން ކުރަން އެންމެ ރަނގަޅު ކަމަށް." ބިގޭ ވިދާޅުވިއެވެ.
ބިގޭ ވިދާޅުވީ މިސަރުކާރުގެ އަމަލުތަކުން ސާބިތުވަނީ، އެމްޑީޕީ ސަރުކާރުން ބުނަމުންދިޔަފަދައިން، ހަތިޔާރުއެޅި އިންޑިއާ ސިފައިން ރާއްޖޭގައި އެއްވެސް އިރަކު ނެތްކަން ކަމަށެވެ.
މީގެއިތުރުން ބިގޭ ވިދާޅުވީ މިފަދަ ދޮގުތަކުން ދެން ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށެވެ. އަދި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިކަންކަމާމެދު ރައްޔިތުން ވިސްނުމަށް ވަނީ އެދިވަޑައިގެންފައެވެ.