ސަރުކާރު ބަދަލުވާ ކޮންމެފަހަރަކު ހާރިޖީ ސިޔާސަތު ބަދަލުވެގެންނުދާނެ ގޮތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ދެމެހެއްޓުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައިވަނީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.
އީވާގެ ގަރާރުގައި ބުނެފައިވަނީ، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލުވެގެންދާ ދިޔުމުގެ ސަބަބުން، ޒަމާނުއްސުރެއް ރާއްޖެއަށް މަދަދުވާ ގައުމުތަކާމެދު އޮތް ދުވަސްވީ ގާތް ރަހުމަތްތެރި ގުޅުން ހީނަރުވާ ކަމަށެވެ. އަދި އެކަމުން ރާއްޖޭގެ ހާރިޖީ ގުޅުމަށް ދާއިމީ ގޮތެއްގައި ނޭދެވޭ އަސަރުކުރާނެތީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ބަދަލުވެގެން ނުދާނެ ގޮތުގައި ހާރިޖީ ސިޔާސަތު ދެމެހެއްޓުމަށް މި ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.
ގަރާރުގައި ބުނެފައިވަނި ހާރިޖީ ސިޔާސަތަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތާ ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެންމެ އަހައްމިޔަތުކަމެއް ދޭންޖެހޭކަމުގެ ގޮތުގައި ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިފަހައްޓަންޖެހޭ ކަމަށެވެ.
"ދިވެހިރާއްޖޭގައިވެސް އަދި ދިވެހިރާއްޖެއިން ބޭރުގައިވެސް، ދިވެހިރައްޔިތުންނަށް ކުޑައިމީސްވާގޮތަށް، ނުވަތަ ދިވެހިރައްޔިތުންގެ ހައްޤަކަށް އެއްވެސް އުނިކަމެއް އަންނާނެގޮތަށް ސަރުކާރުން އަމަލުކޮށްގެންނުވާނެއެވެ. އަދި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިންނަށް ދިވެހިރާއްޖެއިން ބޭރުން ލިބެން ހުރި ވަސީލަތްތަކަށް ވާސިލުވުމަށް އޮތް މަގު ބަންދުވެގެން ނުވަތަ ހަނިވެގެން ނުވާނެއެވެ." އީވާގެ ގަރާރުގައި ބުނެފައިވެއެވެ.
ގަރާރުގައި ބުނެފައިވަނީ ގައުމުގެ އެތެރޭގެ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ހާރިޖީ ސިޔާސަތު ވަދެގެންދާތަން ފެންނަ ކަމަށާއި، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ހާރިޖީ ސިޔާސަތު ބަދަލުވެގެންދާކަމަށެވެ. އަދި އެހެންވުމުން ރާއްޖެއަށް އެހީތެރިވެދޭ ގައުމުތަކާމެދު އޮތް ދުވަސްވީ ގާތްގުޅުން ހީނަރުވާކަމަށެވެ.
މީގެއިތުރުން ބުނެފައިވަނީ މައިގަނޑު އަމާޒަކަށްވާންވީ ގައުމާއި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީ ކަމަށެވެ. މި ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ގައުމުގެ ހާރިޖީ ސިޔާސަތަކީ ދެމެހެއްޓެނިވި އަންނަ ކޮންމެ ސަރުކާރަކުންވެސް އެއަށް އިހުތިރާމުކޮށް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސިޔާސީ ފައިދާއަށް ގައުމުގެ ހާރިޖީ ސިޔާސަތު ބޭނުންނުކުރެވޭނެ ގޮތަކަށް ބައްޓަންކުރެވިގެން ކަމަށް އީވާގެ ގަރާރުގައި ބުނެފައިވެއެވެ.