ރައްޔިތުން މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން މަޖިލީހުން ފާސްކޮށްފައިވާ ބިލް ވީހާ އަވަހަކަށް ތަސްދީގުކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެކަމަށް ގޮވާލައްވައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އިންތިޚާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީގު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ބިލް ފާސްނުކުރުމުން ދަތިކުރެވެނީ ވޯޓް ދިނުމުގެ އަސާސީ ހައްގު ބޭނުންކު ރުމަށް ކަމަށް ވިދާޅުވި އެވެ.
"އިންތިޚާބުތައް ބާއްވަންވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތް ބަލައިގެން. ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިޚާބު ރަމަޟާންމަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓު ދިނުމުގެ އަސާސީ ޙައްޤުގެ ބޭނުން ކުރުމަށް،" ފައްޔާޒު ވިދާޅުވި އެވެ. "އިންތިޚާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީޤުކުރަން ޖެހޭ."
މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި އޮތީ އަންނަ މަހުގެ 17 ގަ އެވެ. ނަމަވެސް ރޯދަ މަސްނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ރައްޔިތުން މަޖލީހުން ފާސްކޮށްފައިވެ އެވެ. އިންތިހާބާ ބެހޭ ގާނޫނަށް ބަދަލު ގެނެއި ބިލް މަޖިލީހުން ފާސްކުރީ މި މަހުގެ 11 ގަ އެވެ.