އެމެރިކާގެ މަޝްހޫރު ކުންފުނި ނައިކީން 1،700 އެއްހާ މުވައްޒަފުން ދޫކޮށްލަން ނިންމައިފި އެވެ.
އެ ކުންފުނިން މިކަން އިއުލާންކޮށް ބުނީ ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ގާތްގަނޑަކަށް ކުންފުނީގެ ދެ ޕަސެންޓް މުވައްޒަފުން ވަޒީފާތަކުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ. ކުޅިވަރު ސާމާނަށް ހާއްސަ ބްރޭންޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނައިކީން ބުނީ އަމާޒަކީ ކުންފުނީގެ ހަރަދުތަކުން ދެ ބިލިއަން ޑޮލަރު މަދުކުރުން ކަމަށެވެ.
"މުވައްޒަފުންތަކެއް ދޫކޮށްލަން ޖެހުމަކީ މި ދަނޑިވަޅުގައި ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅަކަށްވާތީ އެގޮތަށް ނިންމީ. ދެ ޕަސަންޓްގެ މުވައްޒަފުން ދޫކޮށްލުމަކީ ނައިކީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް ސަތާރަަ ސަތޭކަ މުވައްޒަފުން މަދުވުން." ނައިކީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ކުންފުނިން ބުނީ މުވައްޒަފުންގެ މަސައްކަތް ބަލައިގަންނަ ކަމަށާއި ޝުކުރު ވެސް އަދާކުރާ ކަމަށެވެ.
މިދިޔަ އަހަރުގެ މެއި 31 އާ ހަމައަށް ނައިކީގެ މުވައްޒަފުންގެ އަދަދު 83،700 އަށް އަރާ ކަމަށް އެ ކުންފުނިން އެންމެ ފަހުން އާންމުކުރި އަހަރީ ރިޕޯޓުން ދައްކަ އެވެ.
ދެހާސް ބާވީހުން ފެށިގެން ދުނިޔޭގެ މަޝްހޫރު އެކިއެކި ބޮޑެތި ކުންފުނިތަކުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެކި ފަހަރު މަތިން މުވައްޒަފުންގެ އަދަދު މަދުކޮށްފައިވެ އެވެ.