ފަނޑިޔާރުންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދޭ ބޯޑެއް އެކުލަވާލަން ނިންމައިފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ބޯޑެއް އެކުލަވާލަން ނިންމި މައިގަނޑު ބޭނުމަލީ ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާ އިރު ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވައިލާ ސިޔާސަތުތަކަކީ ހާމަކަން ބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއް ކަމަށް ހެދުމަށްޓަކައި ކަމަށެވެ.
އަދި ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުން ހިމެނޭހެން އުފައްދާ ބޯޑުގައި ނުވަ މެންބަރުން ތިއްބަވާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
އެހެންވެ ލަފާދޭ ބޯޑެއް އެކުލަވައިލަން ނިންމީ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.
ބޯޑުގައި ހިމެނޭނެ ފަރާތްތަތް:
* އުއްތަމަފަނޑިޔާރު
* ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް
* ހައި ކޯޓުގެ އިސްފަނޑިޔާރު
* ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖޭއެސްސީގައި ތަމްސީލްު ކުރައްވާ ފަނޑިޔާރު
* ހައި ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖޭއެސްސީގައި ތަމްސީލު ކުރައްވާ ފަނޑިޔާރު
* ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތައް، ޖޭއެސްސީގައި ތަމްސީލުކުރައްވާ ފަނޑިޔާރު
* ސުޕީރިއަ ކޯޓުތަކުގެ އިސްގާޒީންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަން ކުރައްވާ ފަނޑިޔާރަކު
* މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކު
* ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު
ބޯޑުގެ މެންބަރުންގެ ތެރެއިން ސުޕީރިއަ ކޯޓުތަކުގެ އިސްގާޒީންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަން ކުރައްވާ ފަނޑިޔާރަކާއި
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކު އައްޔަން ކުރެވޭނީ، ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުސޫލަކުން ކޮންމެ އަހަރަކުން އެއް ފަހަރު ބަދަލުވާ ގޮތަށް ކަމަށް ޖޭއެސްސީން ބުނެ އެވެ.