Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

އޭއީއެޗްގެ ފަންނީ މުވައްޒަފުންގެ ޗުއްޓީ ހިފަހައްޓައިފި

މިއަހަރުގެ ރޯދަމަހާއި ދިމާކޮށް ހޮސްޕިޓަލުގެ ފަންނީ މުވައްޒަފުންގެ ޗުއްޓީ ހިފަހައްޓާފައިވާތީ، ބައެއް މުވައްޒަފުން ކަނބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މި އަހަރު ރޯދަ މަހަށް ޗުއްޓީ ހިފަހައްޓާފައިވާކަން މިދިޔަ ޖެނުއަރީ މަހު މުވައްޒަފުންނަށް ވަނީ އަންގާފައެވެ. އެގޮތުން ޖެނުއަރީ ކުރީކޮޅު ހުރިހާ ސިއްޙީ މަރުކަޒުތަކަށާއި، ހޮސްޕިޓަލުގެ ޑިޕާޓްމެންޓުތަކަށް ފޮނުވި މެމޯގައި ބުނެފައިވަނީ މިއަހަރުގެ ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ޚިދުމަތް އެއްވެސް ބުރުއެރުމެއް ނެތި ފޯރުކޮށްދިނުމަށް، ހޮސްޕިޓަލުގެ އެޗް.އާރް.އެމްޑީ ކޮމެޓީން ދެ ކަމެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރަމަޟާން މަހާއި ޝައްވާލު މަހުގެ 6 ދުވަހާއި ދިމާކޮށް، އެއްވެސް ޓެކްނިކަލް މުވައްޒަފެއްގެ ޗުއްޓީ އެޕްރޫވް ނުކުރުމަށާއި، ޓެކްނިކަލް މުވައްޒަފުން އަހަރީ ޗުއްޓީ ޕްލޭން ކުރުމުގައި އެކަމަށް ސަމާލުކަން ދިނުމަށް ވަނީ އަންގާފައެވެ.

މިމުއްދަތުގައި ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ހޮސްޕިޓަލުގެ އެޗްއާރްޑީއެމް ކޮމެޓީން ޗުއްޓީ ރިވިއުކޮށް މުވައްޒަފަށް ޗުއްޓީ ދިނުމާއި މެދު ގޮތެއް ނިންމާނެ ކަމަށްވެސް މެމޯގައި ވަނީ ބަޔާންކޮށްފއެވެ.

މިމައްސަލާގައި ކަންބޮޑުވުން ފާޅު ކުރި ބައެއް ފަރާތްތަކުން ބުނި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ރޯދަމަހަށް މުވައްޒަފުންނަށް ލުއި ދިނުން ކަމަށްވެފައި، މިފަދަ ނިންމުމެއް ދެމި އޮތުމުން އެކަމަށް ފުށު އަރާ ކަމަށެވެ. މީގެ އިތުރުން ސިއްޙީ ދައިރާގެ މުވައްޒަފުންނަށް ވަކި ހާއްސަ ހާލަތެއް ނެތި ޗުއްޓީ ހިފަހައްޓޭނެ ގޮތެއް ނޯންނާނެ ކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ފަންނީ މުވައްޒަފުންނާއި ސިއްޚީ މަރުކަޒުކުގެ ފަންނީ މުވައްޒަފުންގެ ޗުއްޓީ ހިފަހައްޓާފައިވާއިރު، އަދި މިހާތަނަށް ހޮސްޕިޓަލަށް ރަސްމީ ވެރިއަކު މި ސަރުކާރުން އައްޔަން ކޮށްފައި ނުވެއެވެ.