ސިޔާސީ ގޮތުން މަންފާއެއް ހޯދަން ނުވަތަ އެފަދަ ވިސްނުމެއްގައި މި ސަރުކާރުން އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫ ރައްޔިތުންނާ އެކީ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ސިޔާސީ ބޭނުމަށް މީހުން ހައްޔަރުކޮށް، އެފަދަ ކަންކަމަށް ކޮމިޝަންތައް ވެސް ހަދައިގެން އުޅުނު ކަމަށެވެ. އެކަމަކު މި ސަރުކާރަކީ އެފަދަ ކަމެއް ކުރާނެ އަދި ކުރުމުގެ ނިޔަތެއް ވެސް އޮންނާނެ ސަރުކާރެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭނުންވެވަޑައިގަންނަވަނީ ރައްޔިތުންނަށް ގާނޫނީ ވެރިކަމެއްކޮށް ދެއްވުމަށެވެ. އެހެންވެ އެކަން އެ މަނިކުފާނު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ހުރިހާ ރައްޔިތުންގެ ރައީސްކަމަށާއި ސިޔާސީ ފިކުރަށް ބެލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫހު ރާއްޖެއިން ނައްތައިލަން ޖެހޭ ކަމަށާއި ސިޔާސީ ވިސްނުމުގައި ބޭއިންސާފުން ކަންކަން ކުރުން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރިން އުފެދުނު ކޮންމެ ސަރުކާރެއްގަހެން ފެނުނު އެ ކަންތައްތައް. ހަމަ ސަރުކާރު އުފެދޭ ތަނުން ކޮމިޝަންތައް ހަދައި ކުރީ ސަރުކާރުގެ ސިޔާސީ ވެރިން ހައްޔަރުކުރުމާ ކަންކަން ހިނގި،" ރައީސް ވިދާޅުވި އެވެ. "އެކަމެއް އަޅުގަނޑު ނުކުރާނަން. ނަމަވެސް ޤާނުނުގެ ވެރިކަން ކުރާނަން."
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދައުލަތުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ހިންގަން ވެސް ފުރުސަތު ނުދެއްވާނެ ކަމަށާއި އެފަދަ ކަމެއް ކޮށްފި ނަމަ އެ މީހަކަށް، އެ ބަޔަކަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި ސަރުކާރު ފަހަތަށް ނުޖެހޭނެ ކަމަށެވެ.