Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ޒަކާތު ފަންޑުން 10 ކުއްޖަކަށް މި އަހަރު ބޯންމެރޯ

ޒަކާތު ފަންޑުން ތެލަސީމިއާ 10 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައި ދޭން ނިންމައިފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއި ވެސް ކޮށްފަ އެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމެވެ. ހެލްތު މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާ އެވެ.

މި އެއްބަސްވުމުގެ ދަށުން ޒަކާތުން ފަންޑުން، ކުރިއަށް އޮތް ފަސް އަހަރުތެރޭ ކޮންމެ އަހަރަކު 10 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައި ދޭނެ އެވެ. މި އެހީގެ ދަށުން ކުއްޖަކަށް ދޭން ހަމަޖެހިފައި ވަނީ އެއްމިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާ ގޮތަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 50 ކުއްޖަކަށް ޖުމްލަ 50 މިލިއަން ރުފިޔާ ޒަކާތު ފަންޑުން ހޭދަކުރާނެ އެވެ.

ތެލަސީމިއާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް އާއިލާތަކުގެ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން މިދިޔަ އަހަރުވެސް ފަސް ކުއްޖަކަށް އެހީ ދިނެވެ.

މި ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތިން ކުއްޖަކު ވަނީ ރާއްޖެ އިން ބޭރަށް ގޮސްފަ އެވެ. ބޯންމެރޯ ހެދުމަށް ޝަރުތު ހަމަވާ 40 ކުދިން މިހާރު ވެސް ލިސްޓްގައި އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.