Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

ނަފުސާނީ އެހީ އަށް ހާއްސަ ހޮޓްލައިނެއް

ނަފުސާނީ ބަލީގެ މީހުންނަށް އެހީ ހޯދަން ފަސޭހަކޮށް ދިނުމުގެ ގޮތުން ހާއްސަ ހެލްޕް ލައިނެއް މިއަދު އިފުތިތާހުކޮށްފި އެވެ.

ހެލްތު މިނިސްޓްރީ މިއަދު ތައާރަފުކުރި މި ހެލްޕްލައިނަކީ 1677 އެވެ. ސައުވީސް ގަޑިއިރު ހިދުމަތް ލިބޭނެ މި ހެލްޕްލައިން އިފުތިތާހުކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުޑ ރާފިއު އެވެ.

މިކަމާ ބެހޭ ގޮތުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް ހެލްޕްލައިންގެ ޒަރިއްޔާއިން ޚިދުމަތް ހޯދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އާޢިލާތަކަށް މި ބުނެދެނީ، ޒުވާނުންނާއި ދުވަސްވީ މީހުންނަށް މި ބުނެދެނީ ތިޔަ ބޭފުޅުންގެ ކަންބޮޑުވާ ކަންކަން ހުރިނަމަ މިއޮތީއޭ ތިޔަބޭފުޅުންގެ އެކުވެރިޔާ. އެއީ 1677. މި ނަންބަރަށް ގުޅުއްވާފައި ތިޔަބޭފުޅުންގެ ކަންބޮޑުވުންތައް ކިޔާދެއްވާށޭ،" އޭނަ ވިދާޅުވި އެވެ. "ﷲ އިރާދަކުރެއްވިއްޔާ ވަރަށް އޯގާތެރިކަމާއެކު މައްސަލަތައް ހުރި މީހުންނަށް އެހީތެރިކަން ފޯރުކޮށް ދޭނެ."

ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ޞިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށް ދިނުމާއި ހެދިފައިވާ އުސޫލުގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ވެސް ހެދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.