Last Updated: July 27, 15:08
Saturday, July 27, 2024
މުނިފޫހިފިލުވުން

ވަރޫން އާއި ޖާންވީގެ ލޯބީގެ ވާހަކައެއް

ބޮލީވުޑްގެ ތަރިން ކަމަށްވާ ވަރޫން ދަވަނާއި ޖާންވީ ކަޕޫރް އެކީގައި ކުޅެން ހަމަޖެހިފައިވާ ދެވަނަ ފިލްމު މިއަދު އިއުލާންކޮށްފި އެވެ.

އެ ފިލްމަކީ ދެ ތަރިން ވެސް ބޮލީވުޑަށް ނެރުނު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ލޯބީގެ ވާހަކައަކަށް ހަދަން ނިންމާފައިވާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ. މީގެ ޑައިރެކްޓަރަކީ 2022 ގެ "ގޯވިންދާ މޭރާ ނާމް" ގެނެސްދިން ޝިޝާންކް ކައިތާނެވެ. އޭނަ އަކީ 2018 ގެ "ދަޅަކް" އިން ޖާންވީ ބޮލީވުޑަށް ނެރުނު ޑައިރެކްޓަރު ވެސް މެ އެވެ.

ވަރޫން ކުޅުނު "ހަމްޓީ ޝަރުމާ ކީ ދުކްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ވެސް ހެދީ ޝިޝާންކެވެ.

ވަރޫން އާއި ޖާންވީގެ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 18 ގަ އެވެ.

މި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ނިތޭޝް ތިވާރީ މިދިޔަ އަހަރު ގެނެސްދިން "ބަވާލް" އެވެ. އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި އެ ފިލްމަކީ އާންމުންގެ ސަމާލުކަން މާ ބޮޑަށް ލިބުނު ފިލްމެއް ނޫނެވެ.

ދަރުމާ އިން މިހާރު އަންނަނީ އެތަނުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމު "ޔޯދާ" އަންނަ މަހުގެ 15 ގައި ރިލީޒްކުރަން ތައްޔާރުވަމުންނެވެ. މި އެކްޝަން ތުރިލާގެ ތަރިންނަކީ ސިދާތު މަލްއުތުރާ އާއި ޑިޝާ ޕަޓާނީގެ އިތުރުން ރާޝީ ކަންނާ އެވެ.