ނެދަލޭންޑްސްގެ ހަދަމުން ދިޔަ ބްރިޖެއް ވެއްޓި ދެ މީހަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އެ ގައުމުގެ ލޯޗެމްގައި އެ ހާދިސާ ހިނގީ ބްރިޖްގައި އެކުލެވޭ ކޭބަލްތަކެއް ބިންދައިގެން ވެއްޓިގެން ކަމަށެވެ. އެ ހާދިސާގައި މަސައްކަތުގައި އުޅުނު ދެ މީހަކު މަރުވި އިރު، އިތުރު ދެ މީހަކަށް ބޮޑެތި އަނިޔާތަކެއްވެގެން އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
މަރުވި ދެ މީގުންގެ ތެރެއިން އެކަކީ ބެލްޖިއަމްގެ މީހެކެވެ. އަނެއް މީހާ އަކީ ޕޮލެންޑްގެ މީހެކެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ އޮފިޝަލުން ވިދާޅުވީ ހަދަމުން ދިޔަ ބްރިޖް ވެއްޓުނީ "އިންޑަސްޓްރިއަލް އެކްސިޑެންޓަކުން" ކަމަށާއި ހާދސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ވެއްޓުނު ބްރިޖަކީ ލޯޗެމްގައި އަލަށް ހަދަމުން އަންނަ ރިންގްރޯޑް މަޝްރޫއެއްގެ ތެރެއިން އެތަނުގެ ކެނަލްއެއް ހުރަސްކޮށް އަޅަމުން އައި ބްރިޖެކެވެ.