Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ޔާމީނަށް ހަމަހަމަކަން ކަށަވަރުކޮށްދޭ ކަމަށް ގަބޫލެއް ނުކުރަން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖުޑިޝަރީން ހަމަހަމަކަން ކަށަވަރު ކޮށްދޭ ކަމަށް ޤަބޫލު ނުކުރާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ޖަމީލް ވިދާޅުވެފައިވަނީ ފަނޑިޔާރުންނަކީ ދުސްތޫރުގެ ސުޕްރިމަސީ ނަގަހައްޓަން ހުވާކޮށްގެން ތިބި، ޒިންމާދާރު އަދި ސިޔާސީ ނުވެ، ވަކި ފަރާތަކަށް ނުޖެހި، ޤާނޫނުގެ ވެރިކަން ދަމަހައްޓަން ތިބި ބައެއް ކަމަށެވެ. މިނިވަން ޖުޑިޝަރީއެއްގެ އެންމެ އަސާސީ އެއް ސިފައަކީ ތަފާތު ކުރުމެއް ނެތި، ފިއްތުމަކަށް ނުފޫޒަކަށް ނުލެނބި މައްސަލަތައް ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ނިންމުން ކަމަށެވެ.

ޖަމީލް ވިދާޅުވީ އިންތިޚާބުތަކާ ދިމާކޮށް ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ކޯޓުތަކުން ލަސްވާތަން ފެންނަ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުށެއް ސާބިތުކުރަން ބޭނުންވާނަމަ އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ހުކުމް ޖަހާތަންވެސް ފެންނިގެން ގޮސްފައިވާ ކަމަށެވެ.

"މިދެންނެވުނު ކަންކަމަށް ބަލާއިރު، ރައީސް ޔާމީނަށް މިއަދު ޤާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑިޝަރީން ކަށަވަރުކޮށްދޭ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ." ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް އިސްތިއުނާފުގެ އަޑުއެހުންތައް ނިމިފައިވާއިރު ހުކުމް ކުރުމުގެ އަޑުއެހުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ޔާމީންގެ ވަކީލުން އަންނަނީ ފާޅުކުރަމުންނެވެ.