އިސްލާމިކް މިނިސްޓްރީން މޮސްކު މެނޭޖްމެންޓު ޕޯޓަލް އިފްތިތާހްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިސްކިތްތަކުގެ ހާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ސިޔާސަތު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ބަޔާންކުރައްވާފައިވާ ކަމަށެވެ.
ހަފްތާ 14 ގައި ނިންމުމަށް ހަމަޖެހިފައިވާ މޮސްކު މެނޭޖްމެންޓު ޕޯޓަލް ޤާއިމުކޮށް އިފްތިތާހްކޮށްފައިވަނީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ޕޯޓަލް އިފްތިތާހްކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި ޕޯޓަލްގެ އެހީގައި އިމާމުން މެދުވެރިކޮށް މިސްކިތްތަކުގެ ހާލަތު ބަރާބަރަށް ކޮންމެ ހަފްތާއަކުވެސް ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެއާއެކު މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުގެ އެންމެހައި ޒިންމާތައް މަތިކުރެވިފައިވާ ކައުންސިލްތަކަށް އެ މައްސަލަތައް ވަގުތުން ރިޕޯޓުކުރެވިގެންދާނެކަމަށެވެ.
މީގެއިތުރުން މިސްކިތްތަކާ ބެހޭ ގޮތުން ރިޕޯޓުކުރެވޭ އެކިއެކި މައްސަލަތައް ވަގުތުން ހައްލުކުރުމަށް، ކައުންސިލްތަކަށް ބާރު އެޅުމަށްޓަކައި، ކައުންސިލްތަކާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ފަސޭހައިން މައުލޫމާތު ބަދަލުކުރެވޭނެ އިންތިޒާމުވެސް މި ޕޯޓަލް ޒަރީއާއިން ހަމަޖެހިގެންދާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.