Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

މަސައްކަތުގެ މާހައުލުގައި އިތުބާރު ވަަރަށް މުހިންމު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ- ފޮޓޯ: ސްޓެލްކޯ

މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކަށް އިތުބާރު ނުކުރާނަމަ ދެވޭނެ ހިދުމަތެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހިންގުމާއި ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ވެރިޔަކަށް އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އިތުބާރު ނުކުރެވޭނަމަ އެމީހުން އެ މަޤާމުގައި ބައިތިއްބަން ބޭނުން ނުވާނެ ކަމަށެވެ. އަދި މުވައްޒަފުންނަށް ވެރިމީހާއަށް އިތުބާރު ނުކުރެވޭނަމަ އެކަށޭނަ މަސައްކަތެއްވެސް ނުކުރެވޭނެ ކަމަށެވެ.

"އެކަކު އަނެކަކަށް އިތުބާރު ނުކުރަންޔާ އޭނަ އެ މަޤާމެއްގަ ބަހައްޓާކަށް ބޭނުމެއް ނުވާނެ ވެރިއަކަށް ހުންނަ މީހަކު. އޭނަގެ އަސްލު ބޭނުމެއް ނުވެސް ހިފޭނެ. އޭނާގެ ވެރިމީހާ އޭނައަށް އިތުބާރު ނުކުރަންޔާ. އަދި އޭނަގެ ދަށުން ތިބޭ، ވެރިމީގެ ދަށުން ތިބޭ މީހުންނަށް ވެރިމީހާއަށް އިތުބާރު ނުކުރެވެންޏާ ދަށުންތިބޭ މީހުންނަކަށް މަސައްކަތެއްވެސް ނުކުރެވޭނެ. ކޮށްދެވޭނެ ޚިދުމަތެއްވެސް ނޯންނާނެ." ފަހުމީ ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮތް ދެދޭ ގުޅުން ބަދަހިކޮށްދިނުން ކަމަށެވެ. އަދި އެކަކު އަނެކަކަށް އިތުބާރުކުރަން ދަސްކޮށްދީ، އެކަކު އަނެކަކަށް އިތުބާރު ހިފޭނެ މާހައުލެއް ޤާއިމްކޮށްދިނުން ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް 37 ބައިވެރިން ފުރިހަމަކޮށްފައިވާއިރު، މި ޕްރޮގްރާމްގައި ސްޓެލްކޯގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި، ހިންގުމުގެ ހުނަރުތަކާއި ގުޅޭގޮތުން ސެޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.