Last Updated: May 21, 09:26
Tuesday, May 21, 2024
ޚަބަރު

ކެޔޮދު އާއި ގުޅީގައި ސެލްފް ސާވިސް އޭޓީއެމް

ބީއެމްއެލް އޭޓީއެމް ދެ ރަށެއްގައި ބަހައްޓައިފި / ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް އަތޮޅުތަކުގައި ފުޅާ ކުރުމުގެ ތެރެއިން، ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތަކެއް ދެ ރަށެއްގައި ހުޅުވައިފިއެވެ.

މި އޭޓީއެމް ޚިދުމަތް ފަށާފައިވަނީ ކ. ގުޅި އަދި ވ. ކެޔޮދޫގައެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

ގުޅީގައި ފެށުނު އޭޓީއެމް ޚިދުމަތާއެކު މާލޭ ސިޓީގައި ގާއިމްކުރެވިފައިވާ ބޭންކިންގ ހިދުމަތްތަކުގެ އިތުރުން މިވަގުތު ކ. އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން އެ އަތޮޅުގެ 5 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައެވެ. އަދި ހަމައެހެންމެ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ދަނީ ހިދުމަތް ދެމުންނެވެ.

ވ.އަތޮޅަށް ބަލާއިރު ފެލިދޫގައި ބްރާންޗު މެދުވެރިކޮށް ހިދުމަތް ދެމުންދާއިރު، 2 ރަށެއްގައި ވަނީ އޭޓީއެމް ގާއިމްކޮށްފައެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ ކޭޝް އެޖެންޓްގެ ހިދުމަތް ގާއިމްކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.