Last Updated: May 17, 18:06
Friday, May 17, 2024
ޚަބަރު

އައްސޭރި ޓޫރިޒަމް މަޝްރޫއަށް މިނިސްޓަރު އައްޑޫގައި

ސަރުކާރުގެ ހަފްތާ-14 އިގެ ވަޢުދުގެ ތެރޭގައި ހިމެނޭ އައްސޭރި ޓުއަރިޒަމް މަޝްރޫޢުގެ ވަޢުދު ފުއްދުމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އައްޑޫސިޓީ އަށް ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ ފައިސަލްއަށް ގަމުގެ ވައިގެ ބަނދަރުން ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު، މަރުހަބާ ދެންނެވުމުގައި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު އަދި ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އައްޑޫއަށް ފައިސަލް ކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ-14 ގައި ހިމެނޭ އައްސޭރި ޓުއަރިޒަމްގެ ވަޢުދު ފުއްދުމަށް އައްޑޫސިޓީއަށް ވަޑައިގަންނަވާ ކަމަށެވެ.


މި ދަތުރުފުޅުގެ ތެރެއިން އައްޑޫގެ ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ގުޅުންހުރި އެކި ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫގައި އައްސޭރި ޓުއަރިޒަމްގެ ނަމުގައި 6000 އެނދު ތަރައްޤީ ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި ވަޢުދުގެ ތެރެއިން އައްޑޫގައި ސީޕްލޭން ހަބެއް ޤާއިމް ކުރުމާއެކު ފަސް އަހަރުގެ ޓުއަރިޒަމް މާސްޓަރ ޕްލޭނެއް ހަދާނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ސަބަބުން 10،000 ވަޒީފާ އުފެދިގެން ދާނެ ކަމަށް ރައީސް މުއިއްޒުގެ އިންތިހާބު ތެރޭގައި އައްޑޫއަށް ވަޑައިގެން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.