Last Updated: May 2, 17:44
Thursday, May 2, 2024
ކުޅިވަރު

އަލްވޭސް ހަތަރު އަހަރަށް ޖަލަށް

ޖިންސީ ގޯނާކުރިކަމުގެ ދައުވާ ސާބިތުވެ ބްރެޒިލްގެ ޑިފެންޑަރު ޑެނިއަލް އަލްވޭސް ހަތަރު އަހަރަށް ޖަލަށްލާން ސްޕެއިންގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އަލްވޭސް ،40، ގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނައިޓްކްލަބެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި އަލްވޭސް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. އޭގެފަހުން އޭނާ ދުވަސްތައް ހޭދަކޮށްފައިވަނީ ޖަލު ބަންދުގަ އެވެ.

މި މައްސަލާގައި މިއަދު ހުކުމް އިއްވަމުން ކޯޓުން ބުނީ އަލްވޭސްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު އަންހެން މީހާގެ ބަޔާނުގެ އިތުރުން ވެސް ހުށަހަޅާފައިވާ ހެކިތަކުން މި ދައުވާ އަލްވޭސްގެ މައްޗަށް ސާބިތުވާ ކަމަށެވެ. ކޯޓުން އިއްވި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އަލްވޭސްގެ ވަކީލުން ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ބާސެލޯނާ އަށް 400 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ އަލްވޭސް ވަނީ އެ ކްލަބާއެކު ސްޕެނިޝް ލީގު ހަ ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ. ބާސާގެ އިތުރުން އަލްވޭސް ވަނީ ޔުވެންޓަސް އާއި ޕީއެސްޖީ އަދި ސެވިއްޔާ އަށް ވެސް ކުޅެފަ އެވެ.

އަލްވޭސް ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 126 މެޗު ކުޅެދީފަ އެވެ.