އިންޑިއާގައި ވަރަށް މަގުބޫލު އެއްޗެއް ކަމަށްވާ ކަފަލޮލީ އެ ގައުމުގެ ބައެއް ހިސާބުތަކުގައި މަނާކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަފަލޮލީ ވިއްކުމާއި ބޭނުން ކުރުން އެންމެ ފުރަތަމަ މަނާކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ޕުޑިޗެރީގަ އެވެެ. އޭގެ ފަހުން މިދިޔަ ހަފުތާގައި ޓަމިލް ނާޑޫގައި ވެސް އެ މަނާކޮށްފައިވެ އެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައ ވެސް މަގުބޫލު މި ކޭންޑީ މަނާކުރަން ފެށީ އޭގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް އެކުލެވޭ ކަމަށް ތަހުލީލުތަކަކުން ދެއްކުމާ ގުޅިގެންނެވެ.
ޓަމިލް ނާޑޫގެ ރަސްމީ އިދާރާތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ކަފަލޮލީ ބޭނުން ކުރަން މަނާކުރީ އޭގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ ރޮޑަމައިން-ބީ ފެނުމާ ގުޅިގެންނެވެ.

ޗެންނާއީގެ ފުޑް ސޭފްޓީ އޮފިސަރެއް ކަމަށްވާ ޕީ ސަތީޝް ކުމާރު ވިދާޅުވީ މިހާރަށް ވުރެ ބޮޑަށް ކަފަލޮލީއާ މެދު އާންމުން ފަރުވާތެރިވާން ޖެހޭ ކަމަށެވެ. އަދި އެންމެ ބުއްދިވެރި ގޮތަކަކީ އެ ބޭނުން ކުރުމާ އެއްކޮށް ދުރުވުން ކަނަށް ބުންޏެވެ.
"މީގެ ސާމްޕަލް ނަގައިގެން ހެދި ޓެސްޓްތަކުގެ ނަތީޖާ އިން ދައްކާ ގޮތުގައި ކަފަލޮލި އަކީ ސިއްހީ ގޮތުން ރައްކާތެރި އެއްޗެއް ނޫން،" އޭނަ ވިދާޅުވި އެވެ. "މީގައި އެކުލެވޭ މާއްދާއެއްގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ކެންސަރު ޖެހުމުގެ ފުރުސަތު އެބައޮތް."
ބައެއް މީޑިއާތަކުން ބުނީ ކަފަލޮލީއާ މެދު އޮތް އެންމެ ބޮޑު ބިރަކީ އެ އުފައްދާ ބައެއް ތަންތަނަކީ ރަޖިސްޓްރީ ނުކޮށް އަދި ސިއްހީ އެއްވެސް މިންގަނޑަކަށް ވެސް ތަބާނުވެ، ކަފަލޮލީ އުފައްދާ ތަންތަނެވެ.
ޓަމިލް ނާޑޫ ސްޓޭޓްގެ ހެލްތު މިނިސްޓަރު އެމްއޭ ސުބްރަމާނިއަމް ވިދާޅުވީ ދެން ކަފަލޮލީ އާންމު ތަންތާނގައި ވިއްކައި ބޭނުން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކަފަލޮލީ އަކީ އާންމުކޮށް އިންޑިއާގެ މަގުތަކާއި އާންމު އެ ނޫން ތަންތަނުގައި ވިއްކަމުން އަންނަ އެއްޗެކެވެ.