Last Updated: April 30, 19:33
Tuesday, April 30, 2024
ޚަބަރު

މޭގެ ކުރިން 72 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ފަށަނީ

މި އަހަރުގެ މޭ މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައި އެ ހިދުމަތް ފަށާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަޝްރޫޢު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިހާތަނަށް ލެބޯޓްރީއެއް ނެތް 4 ރަށެއްގައި މިއަދު މި ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި މި އަހަރުގެ މޭ މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ޚިދުމަތް ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

އާންމު ޞިއްޙީ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އެގޮތުން ރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، ހަފުތާ 14 އެޖެންޑާގައި ހިމެނޭ މުހިންމު ވަޢުދެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ޞިއްޙީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ޚިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ޚިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.