ސަރުކާރުގެ ހަފްތާ-14 އިގެ ވަޢުދުގެ ތެރޭގައި ހިމެނޭ އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭން ލޯންޗުކޮށްފި އެވެ.
އައްސޭރި ޓޫރިޒަމް މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ވެވަޑައިގަތް ރިޔާސީ ވައުފުޅެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ފަސް އަހަރު އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނުގެ ދަށުން އައްޑޫގައި ޓޫރިޒަމްގެ 6،000 އެނދު ގާއިމުކުރުމާއެކު 10،000 ވަޒީފާ އުފެއްދުން ހިމެނޭ ކަމަށެވެ. އަދި މިހާރު ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު އަނބުރާ އޮޕަރޭޝަނަށް ގެނެސް ވެރިކަމުގެ ފުރަތަމަ އަހަރުތެރޭ ސީ ޕްލޭން ހަބެއް ގާއިމުކުރުމަށް ވެސް މި ޕްލޭނުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން މި ޕްލޭނުގެ ދަށުން އައްޑޫގައި ކަލްޗަރަލް ވިލެޖަކާއި ހޮސްޕިޓާލިޓީ ސްކޫލެއް ވެސް ގާއިމުކުރަން ވަނީ ނިންމާފަ އެވެ.
މި ޕްލޭނުގައިވާ ކަންކަން ފުރިހަމަ ވުމުން އައްޑޫ ޓޫރިޒަމް ހަބަކަށް ބަދަލުވެ، އައްޑޫ އަށް ކުރިއެރުމާއި ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ޕްލޭނު ލޯންޗުކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިހާރު އައްޑޫ އަށް ކުރައްވާ ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލާއެކު މި ޕްލޭނާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.